ކ. ކުޑަގިރީގައި ދަތުރުދާ ރަށެއް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ފަސް މަސް ތެރޭގައި ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެގްރިމެންޓުގައި ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެވެ.
ފަސް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ އެ ޕްރޮޖެކްޓްގެ އަގަކީ 41،487،304.04 (ސާޅީސް އެއް މިލިއަން ހަތަރު ލައްކަ އަށްޑިހަ ހަތްހާސް ތިންސަތޭކެ ހަތަރު ރުފިޔާ ހަތަރު ލާރި) އެވެ.
އަށް ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އެ ޕްރޮޖެކްޓްގައި 397.27 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ އެއް ގާއިމް ކުރާނެ އެވެ. އަދި 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
ކުޑަގިރި އަކީ ތިލަފުށީ ކައިރީގައި އޮންނަ ފަޅެކެވެ. މި ފަޅު އޮންނަނީ ފެރީގައި 30 ވަރަކަށް މިނެޓުން އަދި ލޯންޗުގައި 10 ވަރަކަށް މިނެޓުން ދެވޭ ހިސާބުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު