ސްޓެލްކޯ

ޖަނަރޭޓަރުތަކުގެ ސަބަބުން މީހުންނަށް ގެއްލުން ލިބޭ މައްސަލަ ހައްލުކުރަން ބާއްވާ ބައްދަލުވުން ސިއްރު

އިބްރާހިމް ޒަކީ

މާލޭގައި ހުންނަ ސްޓެލްކޯ މައި އިމާރާތުގައި ހުންނަ އިންޖީނުތަކުން އުނދަގޫވެ އެކި ބާވަތުގެ ގެއްލުން ލިބެމުންދާ ކަމަށް ބުނެ އެ މައްސަލައަށް ހައްލެއް ހޯދުމަށް ސްޓެލްކޯގެ ވެރިންނާއެކު ބާއްވާ ބާއްވާ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ)ގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

މިއަދު 10:000 ގައި އޮތް މި ބައްދަލުވުން ފެށުމާ އެކު ވަނީ ސިއްރު ކޮށްފައެވެ.

އެސްއޯއީ ކޮމިޓީން ސްޓެލްކޯގެ ވެރިންނާ ބައްދަލު ކުރަން ނިންމީ އެ ސަރަހަައްދުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަކާ ގުޅިގެންނެވެ.

މި ގަރާރު ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މި ގާރާރުގައި ވަނީ އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުންނަށް އިންޖީނުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތް ކުރުމަށް އެމީހުން އެހެން ސަރަހައްދު ތަކަކަށް ބަދަލު ކުރުމަށް ގޮވާލައިފައެވެ.

އޭގެ އިތުރުން ސްޓެލްކޯ އިންޖީނުތަކުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ރަނގަޅު މާހައުލެއް ލިބުމުގެ ހައްގުން މަހުރޫމު ވެފައިވާ ކަމަށް ބުނެ، ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަން ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއްވެސް ވަނީ ހުށަހަޅައިފައެވެ.

އެ ސަރަހައްދުގައ އުޅޭ އެމީހުން ބުނެފައި ވަނީ، މީހުން ދިރިއުޅޭ ސަރަހައްދާ މާ ކައިރީގައި ޖަނަރޭޓާރުތައް ބަހައްޓާފައި ހުރުމުގެ ސަބަބުންނާއި، ދުން ހޮޅިތައް ހުރިލެއް ތިރިކަމުން ޖައްވުގައި ހުންނަ ތެޔޮވަސް ދުވައި، ޑީސަލް ތެޔޮ އަންދައިގެން އުފެދޭ ކަޅު ދުމުގެ ސަބަބުން ވައި ތަޣައްޔަރު ވެ ކެއްސައި، ލޮލާއި ނޭފަތް ހިރުވައި، ނޭވާލާ ނިޒާމަށް އުނދަގޫ ވެ، ބޮލުގައި ރިއްސައި، ތަފާތު ބަިލިތަކަށް މަގުފަހިވެ، ވައިބްރޭޝަންތަކުގެ ސަބަބުން ގޭގައި ޖަހާފައި ހުންނަ މުއްޓަށް ތަކުރާރުކޮށް ގެއްލުން ލިބި ފާރުތަކުގައި ރެނދުލައި، ކުޑަކުދީންނަށް ރޭގަނޑު ނުނިދި، މުޅި ދުވަހު ކުޑަ ދޮރުތައް ލައްޕައިގެން އުޅެން މަޖުބޫރު ވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ތެޔޮ ތާނގީތަކުގެ ސަބަބުން އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ވެސް މެދުވެރިވެ، ވަރަށް ގިނަ ބަޔަކަށް ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެސަރަހައްދުގެ މީހުންނަށް ނަފުސާނީ މައްސަލަތަކާއި ޕްރެޝަރުގެ މައްސަލަތައް ކުރިމަތިވެ ދުވަސްވީ ބައެއް މީހުންނަށް އިވުމުން މަހުރޫމް ވުމުގެ މައްސަލަތައް ކުރިމަތިވަމުންދާ ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

މި ކަމާ ގުޅޭ ގޮތުން ސްޓެލްކޯ އިން މީގެ ކުރިން ވަން އަށް މައުލޫމާތު ދެމުން ބުނީ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ފާހަގަކޮށްފައި އެވާ އެއްވެސް ކަމެއް އެ ސަރަހައްދުގައި މިހާރު ނުހުންނާނެ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ބޭނުންކުރަމުން އައި ކުދި ޖަނަރޭޓަރުތައް ނިއްވާލިތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ވައިބްރޭޝަން ފަދަ އެއްވެސް މައްސަލައެއްވެސް މިހާރު ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.

"އެއީ ކުރީގެ ވާހަކަތަކެއް، ގްރޭޓާ މާލޭ ގްރިޑް އާއެކު އެ މައްސަލަ ވަނީ މުޅީން ހައްލުކޮށްފައި. އެ ފާހަގަ ކުރާ އެއްވެސް މައްސަލައެއް އެ ސަރަހައްދުގައި މިހާރަކު ނުހުންނާނެ." ސްޓެލްކޯއިން ބުނެފައިވެއެވެ.