ކުޅިވަރު

ޑެޑްލައިން ޑޭ: ގްރީޒްމަން އެނބުރި އެތުލެޓިކޯއަށް، ބާސާއިން ފޯވަޑަކަށް ލޫކް ޑިޔޯންގް

ޓްރާންސްފާގެ އެންމެ ފަހު ދުވަސް، "ޑެޑްލައިން ޑޭ" ގައި ބާސެލޯނާ އިން ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން ކުރީގެ ކްލަބު އެތުލެޓިކޯ މެޑްރިޑަށް ފޮނުވާލަން އެއްބަސް ވެ، ބަދަލުގައި ސެވިއްޔާގެ ނެދަލޭންޑްސް ފޯވަޑް ލޫކް ޑިޔޯންގް ގެންގޮސްފިއެވެ.

ގްރީޒްމަން އެނބުރި އެތުލެޓިކޯ އަށް ގޮސްފައި ވަނީ އެއް އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގަ އެވެ. އެއްބަސްވުމުގައި ވާ ގޮތުން ގްރީޒްމަންގެ މުސާރަ ލޯނުގައި ހުންނަ މުއްދަތުގައި ދައްކާނީ އެތުލެޓިކޯއިންނެވެ. އަދި އެ ޓްރާންސްފާ ދާއިމީ ކުރަން ހާއްސަ މާއްދާއެއް އެއްބަސްވުމުގައި ހިމެނިފައިވާ ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.

ފްރާންސްގެ ތަރި ގްރީޒްމަން ދުނިޔޭގެ އެންމެ މަތީ ފަންތިއަށް ޖެހިލައި، ވިދާލީ އެތުލެޓިކޯގައެވެ. އޭނާ ވަނީ ކްލަބަށް 257 މެޗު ކުޅެދީ 133 ގޯލް ޖަހައިފައެވެ. 2019 ވަނަ އަހަރު ގްރީޒްމަން ބާސާއަށް ދިޔައީ 107 މިލިއަން ޕައުންޑުގަ އަގަށެވެ. ބާސާގައި އޭނާއަށް އެތުލެޓިކޯގެ ކާމިޔާބީ ތަކުރާރު ކުރެވޭ ގޮތެއް ނުވިއެވެ. އުމުރުން 30 އަހަރުގެ ފޯވަޑަށް ބާސާގައި ކުޅުނު 102 މެޗުން ޖެހުނީ 35 ގޯލެވެ. ގްރީޒްމަންއަށް ބާސާގައި ކާމިޔާބު ކުރެވުނީ ކޮޕާ ޑެލްރޭ އެކަންޏެވެ.

ބާސާގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ބޮޑެތި މުސާރައިގައި ތިބި ކުޅުންތެރިން ދޫކޮށްލަންވެސް އެޓީމަށް ވަނީ ކޮންމެވެސް ވަރަކަށް މަޖުބޫރުވެފަ އެވެ. އަލަށް ގެންދިޔަ ކުޅުންތެރިންގެ ޓްރާންސްފާތައް ވެސް ބާސާއަށް ރަޖިސްޓްރީ ކުރެވުނީ މިހާރު ތިބި ކުޅުންތެރިން މުސާރަ ކުޑަކުރަން އެއްބަސްވެގެންނެވެ. ގްރީޒްމަން ވެފައި ވަނީ މި ޓްރާންސްފާ ސީޒަންގައި ބާސާ ދޫކޮށްލި 11 ވަނަ ކުޅުންތެރިޔާއަށެވެ. އެ ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން ލިއޮނެލް މެސީވެސް ހިމެނެއެވެ.

ބާސާއިން ވަނީ ޑެޑްލައިން ޑޭގައި އެޓީމުގެ އެޓޭކަށް ފޯވަޑް ޑިޔޯންގް އިތުރު ކޮށްފައެވެ. ސެވިއްޔާގެ ފޯވަޑް ލޫކް ޑިޔޯންގް 2019 ވަނަ އަހަަރުން ފެށިގެން ސެވިއްޔާއަށް ކުޅެފައިވާއިރު، އޭނާ އެޓީމަށް ކުޅުނު 69 މެޗުން ޖަހައިފައި ވަނީ 10 ގޯލެވެ. ސެވިއްޔާގައި އެންމެ ފޯމު ރަނގަޅު ނޫން ނަމަވެސް އޭގެ ކުރިން ނެދަލޭންޑްސް ލީގުގެ ޕީއެސްވީއަށް ކުޅުނު 159 މެޗުން 94 ގޯލް ޖަހައިފައިވެއެވެ.