ލީކުވި އޯޑިއޯ ސައްހަޔަސް ޔާމީންގެ ހުކުމް އަލުން ރިވިއުކުރަން ނުޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވަން ޕްލަސް ގެ "ވަަން އެކްސްކްލޫސިވް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ލީކުވި އޯޑިއޯ ސައްހަޔަސް ޔާމީންގެ ހުކުމް އަލުން ރިވިއުކުރަން ނުޖެހޭ ކަމަށާއި، ރިވިއުކުރަން ޖެހޭނީ ޝައްކު އުފެދިގެން އުޅޭ، ނުވަތަ އޯޑިއޯ ލީކު ވެގެން އުޅޭ ފަނޑިޔާރުންގެ އޮޕީނިއަން އެކަނި ކަމަށެވެ.
އުމަރު މިހެން ވިދާޅުވީ، ރައީސް ޔާމީނަށް ހުކުމް ކުރީ ނުފޫޒުން ކަމަށް ބުނެ، ޝަރީއަތް ކޮށް ހުކުމް އިއްވި ބެންޗްގެ ފަނޑިޔާރުން ދެއްކެވި ވާހަކަތަކެއް ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވެފައި ވާތީ، އެކަމާ މެދު ސުވާލު ދެންނެވުމުނެވެ.
"ރައީސުލް ޖުމްހޫރިއްޔާ މިފެންނަނީ ވަރަށް ބޮޑަށް ކޮމްޕްރޮމައިސްވެފަ ހުންނަވާތަން. އެހެންކަމުން އަލީ ވަހީދުމެން ފޮރުވައިދޭން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. ވަރަށް ހަޑިކޮށް އެ މަސައްކަތް ކުރި މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. މި ނިކުމެގެން އުޅޭ އޯޑިއޯ ތަކަކީ އަލީ ވަހީދު އާ މަހުލޫފު މެންނާ އޮރިޔާންކޮށްލާނަމޭ އެ ވިދާޅުވާ އެއްޗެއް ކަމަށް ވެދާނެ." އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، ކަންތައްތައް މިހެން ހުރުމުން މި ދައްކުވައިދެނީ މުޅި ނިޒާމު އެއްކޮށް ކިލަނބު ވެފައި އޮތް މިންވަރު ކަމަށެވެ. ފެންނަމުން މިދަނީ ދިވެހިރާއްޖޭގެ ޕޮލިޓިކަލް ޕާޓީތަކާއި، އެ ޕާޓީތަކުގެ އެތެރޭގަ ތިބި އިސް މީހުންނާއި އެމީހުން ހަދާ އެކިއެކި ޑީލް ތަކުގެ އިތުރުން، އެމީހުން ފައިސާ ނެގުމަށް ކޮށްފަ ހުންނަ މަސައްކަތްތައް ކަމަށްވެސް އުމަރު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު