މަނިލޯންޑާ ކުރުުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް ފަސް އަހަރު ދުވަހުގެ ހުކުމް އިއްވުމުގައި، ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ އިންޒާފުވެރިކަމާއެކު އެ މައްސަލަ ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން، މެންބަރު ޝަރީފް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ފަސްް އަހަރު ދުވަހުގެ ހުކުމެއް ކޮށަފައި ވަނީ ނުހައްގުން ކަމަށާއި، އެއީ ފާސިގު ހެކި އުފައްދައިގެން ކޮށްފައިވާ ނުހައްގު ހުކުމެއް ކަމަށެވެ.
ރައީސް ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންގެ ތެރޭން ބަޔަކު ކަމަށްބުނެ ދައުރުވާ އޯޑިއޯތަކަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ، އެ އޯޑިއޯތަކުން ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމާއި ބިރު ދެއްކުމުގެ މަޖުބޫރު އަމަލުތަކެއް ކުރިމަތިކޮށްފައިވާ ކަން އެނގޭ ކަމަށެވެ.
އެއީ ގާނޫނުުއަސާސީއާ ހިލާފު އަދި ޝަރީއަތަށް ނުފުޒު ފޯރުވާފައިވާ މައްސަލައަކަށް ވާތީ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އެ މައްސަލަ ބަލައި ދިނުމަށް ސރުކާރުގެ ކަމާބެހޭ ފަރާތްތަަކަށް ގޮވާލާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މި މައްސަލަ އަށް މަޖލީހުގައި ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި، އެ މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 32 މެންބަރުންގެ ތެރެއިން ހަތް މެންބަރުންނެވެ. ބަހުސްކުރަން ނުފެންނަކަމަށް 20 މެންބަރުން ވޯޓު ދެއްވިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި މިވަނީ ދައުރުވަމުންދާ އޯޑިއޯ ތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރެއްވި ކުރިމިނަލް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރުން ކަމަށްވާ ގާޒީ ހުސައިން ފާއިޒާއި ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމް ވިދާޅުވެފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައި ވަނިކޮށެވެ. އަދި އެ އޯޑިއޯތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި އޯޑިއޯތަކުގެ އެނަލިސިސް ހަދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުލުހަށް ވެސް ވަނީ ހުށަހަޅައިފައެވެ.
މީހުން
މީހުން
މީހުން