މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލަށް ތާއީދު ނުކުރައްވާ ކަމަށް އެމްޑީޕީގެ މެންބަރު ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ، އެ ބިލަށް ތާއީދު ނުކުރައްވާ ކަންތައްތަކުގެ ތެރޭގައި، އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ، ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެއް ކަމަށް ބިލުގެ ފުރަތަމަ ނަމްބަރުގައި ބުނާ ބުން ހިމެނޭ ކަމަށެވެ.
މެންބަރު ވިދާޅުވީ، އެއީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަ ކުރެވޭ ކަމެއް ކަމަށެވެ.
އެގޮތުން އިސްލާމްދީނާ ދެކޮޅު ވާހަ ދައްކާ މީހަކާ ދިމާލަށް، ތި ދައްކަނީ އިސްލާމްދީނާ ދެކޮޅު ވާހަކައޭ ބުނާ ބުނުން ޖިނާއީ ކުށުގެ ތެރެއަށް ވަދެގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސަނީފް ވިދާޅުވީ، ޒަމާނީ ޑިމޮކްރަސީ އާއި ހިޔާލު ފާޅުކުމުގެ މިނިވަން ކަމަށް އަރައި ގަތުމަކީ ބީރައްޓެހި ކަމަކަށް ވާއިރު ބިލު ބައްޓަން ކުރެވިފައި ވަނީ އެފަދަ ގޮތަކަށް ކަމަށެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ވަރަށް ފުޅާކޮށް އޮންނަ ކަމެއް ނަމަވެސް މުޖުތަމައުގައި ނަފްރަތު އުފައްދައި މީހުން މަރަން ގޮވައި، ލޭ ހުއްދަ ކުރަން ގޮވައިލުމަކީ އެއްވެސް ދީނެއްގައި ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އިސްލާމް ދީނުގައި ވެސް އެކަން ވަނީ ވަރަށް ބޮޑަށް ނަހީ ކޮށްފައި ކަމަށްވެސް ސަނީފު ވިދާޅުވިއެވެ.
ނަމަވެސް އެ ބިލުގެ ދެވަނަ ނަމްބަރަށް ބަލާލާއިރު ވެސް، އޭގައި ބުނާ އުސޫލަކީ ޒިނޭ ކުރާ މީހާއާ ދިމާލަށް ޒިނޭކޮށްފައޭ ބުނުން، ރާ ބޯމީހާ ރާބޮއިފިކަމަށްވެސް ނުބުނެވޭ އުސޫލެއް ކަމަށް ސަނީފު ވިދާޅުވިއެވެ.
ރާއްޖޭގައި ސިޔާސީ ކަންކަން ކުރިއަށް ގެންދަނީ އިސްލާމްދީނުގެ ކަންތައްތައް އޭގެ ތެރެއަށް ވައްދައިގެން ކަމަށްވާތީ މިހާރު ބިލުގައި އޮތް ގޮތަށް ގާނޫނު އިސްލާހު ކޮށްފިނަމަ ސިޔާސި މަގުސަދަށްޓަކައި ގިނަ އަދަދެއްގެ ކުށްވެރިންނާއެކު ޖަލުތައް ފުރާލެވިގެން ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ ބިލަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ބިލަކަށްވާތީ އެ ބިލު އަނބުރާ ގެންދިއުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވާ ކަމަށްވެސް ސަނީފު ވިދާޅުވިއެވެ.
ނަމަވެސް ސަނީފު ވިދާޅުވީ، އެމްޑީޕީގައި ހިމެނޭ ދީނީ ފަރާތްތަކާއި، އެންމެން ވާގަކަ ދައްކައިގެން އެކަމަށް ރަނގަޅު ބިލެއް ހުށަހެޅިދާނެ ކަމަށެވެ. އަދި ބައެއް ފާރާތްތަކުން އެމްޑީޕީއަކީ ލާދީނީ ޕާޓީއެއް ކަމަށް ތުހުމަތު ކުރާއިރު، އެއީ ހަގީގަތެއްނޫން ކަމަށާއި، އެމްޑީޕީއާ ދިމާލަށް ލާދީނީއޭ ނުގޮވޭނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.