ޚަބަރު

ޝަހީދު "ލެގަސީ" އަކަށް ވީގޮތް

1

އެއީ 1990ގެ އަހަރުތަކެވެ. ތައުލީމު ހާސިލުކުރީ ދީނީ މަދަރުސާ، އަރަބިއްޔާ އާއި މައުހަދުންނެވެ. އެހެންކަމުން ކަން ވެސް ނޭނގެ އެވެ. ގިޓާ ކޮއްޓުމަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް އޭރަކު ނެތެވެ. ޝައުގު ހުރީ އައިޓީ އަށެވެ. އެ ދާއިރާގައި ކޮންމެވެސް ވަރަކަށް އުޅެންވެސް އުޅުނެވެ. މިއީ މިޔުޒިކީ ދުނިޔެއަށް އަހުމަދު ޝަހީދު ނުވަތަ ޝަހީދު ލެގަސީގެ ހިތް ދަމައިގަތް ދުވަސްކޮޅެވެ.

"ފުރަތަމަ މިޔުޒިކަށް ތައާރަފުވީ ކުލާހުގައި އުޅުނު މައުރޫފު (ހިޔަނި ބޭންޑުގެ ގިޓަރިސްޓް) ދެއްކި ވީޑިއޯއަކުން. އެއީ ގްރޭޑް އަށެއް ނުވަތަ ނުވައެއްގަ އުޅުނުއިރު. ސްވިޑިޝް ގިޓަރިސްޓެއްގެ ވީޑިއޯތަކެއް އެއީ. އޭރު ދެން އެންމެ ގިނައިން މީހުން ޖަހަނީ ނިރްވާނާ އާއި މެޓާލިކާއާ އެއްޗެހި މިފެންނަނީ. އެކަމަކު ސްވިޑިޝްގެ ގިޓަރިސްޓް މަމްސްޓީންގެ ވީޑިއޯތައް ފެނުނީމަ އޭނަގެ ސްޓައިލަށް ކުޅެން ވަރަށް ބޭނުންވި،" ޝަހީދުގެ ވާހަކަ ފެށީ މިހެންނެވެ.

އެއީ ޝަހީދުގެ ފުރަތަމަ އިންސްޕިރޭޝަނެވެ. އޭގެ ފަހުން ސައިބާ ކެފޭތަކަށް ގޮސް އޭނާގެ ލަވަތައް ޑައުންލޯޑުކޮށްގެން އެ ބަލައިގެން ގިޓާ ކުޅެން ފެށިއެވެ. ގިޓާ ކުޅެނީ ހަފުތާއަކަށް ނުވަތަ ދެތިން ދުވަހަށް ރައްޓެހިން ގެންގުޅޭ ގިޓާ ބޮރޯ ކޮށްގެންނެވެ. ނޫނީ އެމީހުންގެ ގެއަށް ގޮސްގެންނެވެ. މިކަމަށް ބެލެނިވެރިންގެ ފަރާތުން ކޮންމެވެސް ވަރެއްގެ އެއްބާރުލުމެއް ލިބުނަސް، އެކުގައި ތިބީ ރައްޓެހިންނެވެ.

އަމިއްލަ ގިޓައެއް ގަނެވުނީ ކުޅެން ފެށިތާ ހަ އަހަރު ފަހުން

ކިޔެވުން ނިންމާލުމަށްފަހު ޝަހީދުވެސް ނުކުތީ ވަޒީފާއަކަށެވެ. އެދުވަސްވަރަކީ މާބޮޑު އާމްދަނީއެއް ނުލިބޭތީ އަމިއްލަ ގިޓައެއް ގަތުމަށް ލައްކަ މަސައްކަތް ކުރާން ޖެހުނެވެ. އަހަރެއްގެ މަސައްކަތުން އެއްކުރި ފައިސާއިން ގިޓައެއްގެ މިލްކުވެރިއަކަށް ޝަހީދަށް ވެވުނީ 2003 ވަނަ އަހަރުއެވެ. އެއީ ގިޓާ ކުޅެން ފެށިތާ ހަ ވަރަކަށް އަހަރު ފަހުންނެވެ. އަދި އޭނާގެ ފުރަތަމަ ސޯލޯ އަލްމަބްގެ މަސައްކަތް ފެށިތާ ތިން އަހަރު ފަހުންނެވެ. ގަތީ 1500 ރުފިޔާއަށް ރައްޓިއްސަކު ވިއްކި ސެކަންޑް ހޭންޑް އިލެކްޓްރިކް ގިޓައެކެވެ.

ޝަހީދުގެ މިއުޒިކީ ދުނިޔެއިން އަމިއްލަ ރާގުތަކެއް ނުކުމެގެން އައީ މިހާ ހިސާބުންނެވެ. އޭނާގެ މައިގަނޑު ބޭނުމަކަށްވެސް ވީ އާ ރާގުތަކެއް އުފެއްދުމެވެ. ގިޓަޔަށް ރަނގަޅަށް ފަރިތަވެ، ގިޓަޔާ އެކު ޝަހީދު ސްޓޭޖަށް ތައާރަފުވީ 2004 ވަނަ އަހަރުއެވެ. ނަމަވެސް 2006 ވަނަ އަހަރު އަމިއްލަ ބޭންޑެއް އުފެއްދިއެވެ. އެއީ ދަ ސެކްރެޑް ލެގަސީއެވެ. ބޭންޑުގެ ނަމުގައި ފުރަތަމަ ސޯލޯ އަލްމަބް ރިލީޒްކޮށް، ޝަހީދުގެ ނަމުގެ ފަހަތަށް "ލެގަސީ" އައީވެސް ހަމަ އެއަހަރުއެވެ.

އަމިއްލަ ބޭންޑް ރެކޯޑް ލޭބަލްގެ ދަށަށް، އޭޝިއާ އާއި ޔޫރަޕު ގުގުމާލި

ފުރަތަަމަ ސޯލޯ އަލްމަބާއެކުވެސް ޝަހީދުގެ ލަވަތައް ހިޓްވިއެވެ. އަމިއްލަ ރާގުތައް ހަދަން އިތުރަށް ހިތް ޖެހުނެވެ. ފޯރި އެރިއެވެ. ނަތީޖާއަކަށްވީ ސެކްރެޑް ލެގަސީގެ ފުރަތަމަ އަލްމަބް، "އެޕޮކެލިޕްސް" 2007 ވަނަ އަހަރު ރިލީޒްކުރުމެވެ. އަދި ޖެހިގެން އައި އަހަރު އިތުރު އަލްމަބެއް ނެރުނެވެ. އެއީ "އަންޑައިއިން ހާޓް" އެވެ.

ނަމަވެސް ރާއްޖޭގައި މެޓަލް ލަވަތަކަށް އޮތްް ފުރުސަތު ކުޑަވުމުން ޝަހީދު ދެން މިސްރާބު ޖެހީ އެހެން ގައުމުތަކުގައި ޝޯ ދެވޭނެ ގޮތްތައް ހޯދުމަށެވެ. އެކަމަށް ބުރަ މަސައްކަތްތަކެއް ކުރިއެވެ. ކޮޅެއްގައި ޖެއްސީ އެކަންވެސް ކާމިޔާބުކޮށްފައެވެ. ޖަރުމަނުގައި ލަވަތައް ރެކޯޑް ކޮށް ސެކްރެޑް ލެގަސީގެ ތިންވަނަ އަލްމަބް، "ދަ ލެގަސީ ބިގިންސް" ރިލީސްކުރިއެވެ. އެއީ 2013 ވަނަ އަހަރުއެވެ.

"ވަރަށް މަސައްކަތް ކޮށްގެން އިންޓަނެޓުންނާ އެއްޗެހިން ރެކޯޑް ލޭބަލްތަކަށް ފޮނުވައިގެން. ވީ ގޮޓް އަ ރެކޯޑް ޑީލް އޯލްސޯ. އެއީ އެޗްޓީއެފް ޖާމަނީން. ސޯ އިޓް ވޯސް ދަ ބިގެސްޓް އެކޮމްޕަލިޝްމަންޓް ސެކްރެޑް ލެގަސީއަށް ލިބުނު. ލޭބަލްއެއްގެ ދަށުގައި އަލްމަބެއް ރިލީސް ކުރުން. އެ އަލްމަބްވެސް ވަރަށް ހިނގި އަސްލު،" ޝަހީދު ބުންޏެވެ.

މި އަލްމަބް ވެގެން ދިޔައީ އިންޓަނޭޝަނަލް ހިޓަކަށެވެ. ޔޫރަޕުގެ ގިނަ ގައުމުތަކުގައި އެ އަލްބަމަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެކަމުން ހިތްވަރު ލިބި ސެކްރެޑް ލެގަސީން އެނބުރި ރާއްޖެ އައީ ޔޫރަޕާއި އޭޝިއާގައި ހުނަރު ދައްކާލި ޓުއާއަކަށްފަހުއެވެ. ނަމަވެސް ޝަހީދުގެ މަސައްކަތް އެ ހިސާބުން ނިންމައެއް ނުލައެވެ. އޭނާ އަދިވެސް މަސައްކަތް ކުރަނީ ރާއްޖޭގައި ހުނަރުވެރިން ތިބިކަން، ދުނިޔޭގެ މިއުޒިކް ދުނިޔެއަށް ދެއްކުމަށެވެ. އެމީހުންގެ އަޑަކަށް ޝަހީދު ވާން ބޭނުންވެއެވެ. އެ ހިސާބަށް ގެންދަން އޭނާ މަސައްކަތްވެސް ކުރެއެވެ.

މެޓަލް ގިޓަރިސްޓެކޭ ބުނީމަ ޖަޖުކުރޭ، މާޔޫސްވެސް ވި

އެހެން ގިނަ އާޓިސްޓުންނެކޭ އެއްފަދައިން ޝަހީދަށްވެސް މީހުންގެ ފާޑުކިޔުން އަމާޒު ވިއެވެ. ބޯދިގުކޮށްފައި ހުންނާތީއެވެ. އަޅާ ހެދުމުގެ ގޮތުންނެވެ. ހާއްސަކޮށް މެޓަލް ގިޓަރިސްޓެކޭ ބުނުމުން، އެމީހުންނަށް އިތުރު ސްޓައިލެއް ކުޅެން ނޭނގޭނެ ކަމަށް ބުނެއެވެ. ޝަހީދު ބުނި ގޮތުގައި ދުނިޔޭގެ މަޝްހޫރު ގިޓަރިސްޓުންނަކީ ހުރިހާ ސްޓައިލެއްވެސް ކުޅޭ މީހުންނެވެ. ހުދު އޭނާއަކީވެސް ހުރިހާ ސްޓައިލެއް ކުޅޭ މީހެކެވެ. އެހެންކަމުން އެއީ ކުށް ހީއެކެވެ.

"އަސްލު ރާއްޖޭގައި ވަރަށް އުދަނގޫވި ވަރަށް ޖަޖުކުރޭ މެޓަލް ގިޓަރިސްޓުންނަށް. އަނެއްކާ ޝަހީދުމެން ބޯދިގުކޮށްފަ، ޑްރެސް ކުރާ ގޮތުން ކަންނޭނގެ އެބައިވެސް އެ އަންނަނީ. އަސްލު ދުވަސްކޮޅެއް ވަރަށް ޑީމޯޓްވެގެން ގިޓާތަކާ އެއްޗެހި ވިއްކާލައި ހުރިހާ އިކުއިޕްމަންޓަކާއި އިންސްޓުރޫމެންޓެއް ވިއްކާލައި މިކަން ހުއްޓާލަން ވިސްނި ދުވަސްކޮޅެއްވެސް ދިޔަ. އެކަމަކު އެހާ މަސައްކަތް ކޮށްފަ އެހެން ހަދާކަށް ނުވާނޭ ފަހުން ހިތަށް އެރީ،" ޝަހީދު ބުންޏެވެ.

މިހާރު މިއީ ކޮމްޕޯސަރެއް، އެކަމަކު ގިޓާ ދޫކޮށެއް ނުލާ!

މެޓަލް ގިޓަރިސްޓެއްގެ މަގާމުން ފެޔަށް ޖެހޭކަށް ޝަހީދު އަދި ނުވިސްނައެވެ. އޭނާގެ އޮފުދާރުކަން ކެނޑޭކަށްވެސް އަދި ނެތެވެ. އޭނާ ސޯޝަލް މީޑިއާ އަށް ދޫކޮށްލާ ކުދިކުދި ކަވާތަކުން އެކަން ފެނެއެވެ. އެކަމަށް ބޮޑު ތަރުހީބެއް ލިބެއެވެ. އޭނާ މިހާރުވެސް އަންނަނީ އަމިއްލަ ސޯލޯ އަލްބަމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ އޭނާގެ ފަސްވަނަ ސޯލޯ އަލްމަބެވެ. ޝަހީދުގެ މިހާރުގެ ބޭންޑް ގްރެވިޓީގެ ދެވަނަ އަލްމަބްގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ނަމަވެސް މިހާރު އޭނާގެ މައިގަނޑު މަސައްކަތަކީ މިޔުޒިކް ކޮމްޕޯސް ކުރުމެވެ. ފިލްމު ތަކަށާއި އިޝްތިހާރުތަކަށްވެސް އޭނާ އަންނަނީ މިޔުޒިކް ހަދައިދެމުންނެވެ. ރިކުއެސްޓުތަކަށް ލަވަ އެއްޗެހިވެސް ހަދައިދެއެވެ. ކުރިއަށް އޭނާ ގެ ގިނަ ލަވަތަކެއް އެބަހުއްޓެވެ. ރާއްޖެއިން ބޭރަށްވެސް ޝަހީދުގެ ހުނަރު އަދި ފެންނާނެއެވެ.