ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ގެންދަން ރެއާލް މެޑްރިޑުން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބު ނުވެ، އެ ކްލަބުން ޕީއެސްޖީއާ ވާހަކަ ދެއްކުން ހުއްޓާލައިފި ކަމަށް ނޫސްތަކުން ބުނެފިއެވެ.

ޕީއެސްޖީ ދޫކޮށްލަން އެމްބާޕޭ ބޭނުންވާ ކަމަށް ރަސްމީކޮށް ކުރިން ވަނީ އަންގައިފައެވެ. ޕީއެސްޖީގެ ޓެކްނިކަލް ޑިރެކްޓަރު ލިއެނާޑޯ ބުނެފައި ވަނީ ޕީއެސްޖީ ދޫކޮށްލަން އެމްބާޕޭ އެދިފައިވީ ނަމަވެސް، އޭނާއަށް ދެވޭނީ ވަކި އަގެއްކައި ކަމަށެވެ. އެގޮތުން ރެއާލުން ފުރަތަމަ ހުށަހަޅާފައިވާ 160 މިލިއަން ޔޫރޯއަކީ އެކަށޭނެ އަގެއް ނޫން ކަމަށާއި، ރެއާލުގެ ހުށަހެޅުން ބަދަލުކުރަން ޖެހޭ ކަމަށް ލިއެނާޑޯ ވަނީ ބުނެފައެވެ.

އޭގެ ފަހުން ރެއާލް އިން 200 މިލިއަން ޔޫރޯ ހުށަހެޅުމުން ޕީއެސްޖީން އެ ބިޑުވެސް ގަބޫލެއް ނުކުރިއެވެ. އެމްބާޕޭ ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އެ ކޮންޓްރެކްޓް އާކުރަން އެމްބާޕޭ އެއްބަސްވެފައެއް ނުވެއެވެ. ކޮންޓްރެކްޓް އާ ނުކޮށްފިނަމަ، ސީޒަން ނިންމައި އޭނާ ދާން ބޭނުންވާ ކްލަބަކަށް ހިލޭ ދިޔުމުގެ ފުރުސަތު ފަހިވާނެއެވެ. ބެލެވޭ ގޮތުގައި ރެއާލްއިން އަދިވެސް ފަހު މިނެޓުގެ ބިޑަކަށް މަސައްކަތް ކޮށްފާނެއެވެ. އެއީ ޕީއެސްޖީއަށްވެސް އެމްބާޕޭ ހިލޭ ދޫކޮށްލުމަށްފަހު މިހާރު ރެއާލްއިން ކިޔާފައިވާ އަގުގައި ފޮނުވާލަން މުހިއްމު ވާނެތީއެވެ.

އުމުރުން 22 އަހަރުގެ އެމްބާޕޭ މިދިޔަ ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފައިވާއިރު، އޭނާގެ އެދުމަކަށް ވީ ވާދަވެރި ޓީމެއް ޕީއެސްޖީއަށް ހޯދުމެވެ. ޕީއެސްޖީން ވަނީ އެކަން ކޮށްފައެވެ. އެޓީމުން މި ޓްރާންސްފާ ސީޒަންގައި ލިއޮނަލް މެސީއާއި ޖީނީ ވައިނާލްޑަމް، ޖިއާންލުއީޖީ ޑޮނަރޫމާގެ އިތުރުން ސާޖިއޯ ރާމޯސް އާއި އަޝްރަފު ހަކީމީ ވެސް ވަނީ ޓީމަށް ގެންގޮސްފައެވެ.

އެ ހަރަދުތައް ކޮށްގެންވެސް އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ބޭނުން ނުވުމުން ކްލަބުން ވަނީ އެކަމާ ނުރުހުންވެސް ފާޅު ކޮށްފައެވެ. ޕީއެސްޖީގެ ޓެކްނިކަލް ޑިރެކްޓަރު ލިއެނާޑޯ ބުނެފައި ވަނީ އެމްބާޕޭ މަޑުކުރުވަން ގިނަ ކަންކަން ކުރި ކަމަށާއި، އެހެން ނަމަވެސް ކްލަބުގައި ގަދަކަމުން މަޑުކުރުވަން ބޭނުން ނުވާ ކަމަށެވެ. އެމްބާޕޭ އަމިއްލައަށް ދާން ބޭނުންވާ ނަމަ "ޕީއެސްޖީ އެދޭ ގޮތަކަށް" ފޮނުވާލާނެ ކަމަށްވެސް ލިއެނާޑޯ ވަނީ ކުރިން ފާހަގަކޮށްފައެވެ.