ޚަބަރު

ބަރުލަމާނީ ދަންތޫރައިގައި ޖެހެން ހެޔޮ ނުވާނެ، އެއީ އަމިއްލަ އެދުމުން ފޯވެގެން ކުރާ ކަމެއް: ގާސިމް

އަލީ ޔާމިން

ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ޖަހާ ދަންތޫރައިގައި ޖެހެން ހެޔޮ ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އަންނަނީ ބަރުލަމާނީއަށް ތާއީދު ހޯދުމުގެ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޕެޓިޝަނުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 15 މެންބަރަކުވެސް ސޮއިކޮށްފައިވެ އެވެ. ރައީސް ނަޝީދު ވަނީ ވީހާވެސް ގިނަ ބަޔަކު އެ ޕެޓިޝަނުގައި ސޮއިކުރުމަށް އެދިވަޑައިގެންފަ އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް ހުންނަ މ. ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި ބަރުލަމާނީގެ ވާހަކަތަކަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވީ، ރާއްޖެއަށް ބަރުލަމާނީ ގެންނަން މަސައްކަތްކުރަނީ އަމިއްލަ އެދުމުން ފޯވެގެން ތިބި ބައެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުން ހެޔޮވެސް ނުވާނެ ބަޔަކު ނުކުމެގެން މި ފަތުރާ ދަންދޫރައިގައި ޖެހެން. ބަރުލަމާނީއޭ ކިޔައިގެން މި ހޫރުވާ އެއްޗެއްގައި ޖެހެން ހެޔޮނުވާނެ. އެއީ ގައުމަށް ހެޔޮ އެދިގެން ކުރާ ބަޔެކޭ އަޅުގަނޑު ނުދަންނަވާނަން. އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރާ ކަމެއް ނޫން. އަމިއްލަ އެދުމުން ފޯވެގެން ކުރާ ކަމެއް" ގާސިމް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއްގައި ވެރިކަމުގެ ހުރިހާ ބާރެއް އޮންނާނީ ރައްޔިތުންގެ މަޖިލީހުގައި ކަމަށާއި އެއީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ. ބަރުލަމާނީ ނިޒާމެއްގައި މަޖިލީހުގެ މެޖޯރިޓީ އޮންނަ ގޮތަކުން ވެރިކަން ބަދަލުކުރަން ވަރަށް ފަސޭހަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ބަރުލަމާނީއަކީ އިނގިރޭސިންގެ ނުފޫޒު އޮވެގެން އިންދައިގެން އުޅޭ އޮށެއް ކަމަށާއި ބަރުލަމާނީ އަކީ އިނގިރޭސިންގެ ނުފޫޒާއި ފިކުރިއްޔާތު ގައުމުގައި ފަތުރައި ގައުމު ފަސާދަކުރުވުމަށް ރާވާފައި އޮތް ނިޒާމެއް ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށާއި އެއީ ރައްޔިތުންގެ ނިންމުން ކަމަށެވެ.