ދައުރުވަމުންދާ އޯޑިއޯތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި އޯޑިއޯތަކުގެ އެނަލިސިސް ހަދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުލުހަށް ހުށަހަޅައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނޭ ތިން ގާޒީން ކަމަށްވާ ގާޒީ ހުސައިން ފާއިޒާއި ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމްގެ ކަމަށް ބުނާ ބައެއްގެ އޯޑިއޯތަކެއް އިއްޔެ ވަނީ ލީކު ކޮށްލައިފައެވެ. އެ އޯޑިއޯތަކުގައި ރައީސް ޔާމީން މައްސަލައިގައި ހުކުމް ކުރުމަށް ގާޒީންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައިވެއެވެ.

އެ އޯޑިއޯތަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ އެ މައްސަލައިގެ ތަހުގީގު ފަށައި، އެ ތިން ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައެވެ.

އެއަށްފަހު ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެ ކަމަށް ގާޒީ ފާއިޒާއި ގާޒީ އަލީ އާދަމް އަދި ގާޒީ ސަމީރުވެސް ވިދާޅުވެފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ހިމެނިވަޑައިގެންނެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު އަހުމަދު ޝަކީލާވެސް ސުވާލުކޮށް މައުލޫމާތު ސާފު ކުރި ކަމަށާއި އެ ދެ ފަނޑިޔާރުންވެސް އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

"މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި މީޑީގައި ދައުރުވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ އިދާރާގައި ކޮމިޝަނުގެ ފަރާތުން މިހާރު ވާނީ އެދިފައި. މި ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް އޯޑިއޯތަކުގައި އެފަނޑިޔާރުން ކަމަށް ބުނާ ފަނޑިޔާރުން ވަނީ ރުހުންދެއްވާފައި،" ޖޭއެސްސީގެ ބަޔާނުގައިވެއެވެ.