ދައުރުވަމުންދާ އޯޑިއޯތަކާކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރެއްވި ކުރިމިނަލް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރުން ކަމަށްވާ ގާޒީ ހުސައިން ފާއިޒާއި ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމް ވިދާޅުވެފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

އެ ތިން ފަނޑިޔާރުން ކަމަށް ބުނާ ބައެއްގެ އޯޑިއޯތަކެއް ލީކު ކޮށްލާފައި ވަނީ އިއްޔެއެވެ. އެ އޯޑިއޯތަކުގައި ރައީސް ޔާމީން މައްސަލައިގައި ހުކުމް ކުރުމަށް ގާޒީންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައިވެއެވެ.

އެ އޯޑިއޯތަކާ ގުޅިގެން ޖޭއެސްސީން މިއަދު ވަނީ އެ މައްސަލައިގެ ތަހުގީގު ފަށައި، އެ ތިން ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައެވެ.

އެއަށްފަހު ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެ ކަމަށް ގާޒީ ފާއިޒާއި ގާޒީ އަލީ އާދަމް އަދި ގާޒީ ސަމީރުވެސް ވިދާޅުވެފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ހިމެނިވަޑައިގެންނެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު އަހުމަދު ޝަކީލާވެސް ސުވާލުކޮށް މައުލޫމާތު ސާފު ކުރި ކަމަށާއި އެ ދެ ފަނޑިޔާރުންވެސް އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ، އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، މީޑީގައި ދައުރުވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ. އަދި އެ ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް އޯޑިއޯތަކުގައި އެ ފަނޑިޔާރުން ކަމަށް ބުނާ ފަނޑިޔާރުން ރުހުންދީފައިވާ ކަމަށް ބުންޏެވެ.