ކަން ކުރަން އުޅެފިއްޔާ ދެ ދުވަސްތެރޭގައި، ޔާމީން ރަޝީދު މަރައިލި މައްސަލަ ކުރިމިނަލް ކޯޓަށް ނިންމާލެވޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅުނު އިމާރާތުގެ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ މަރައިލި މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށްދާލެއް ލަސްވާ މައްސަލައިގައި، ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް އެ ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަމީމު ވިދާޅުވީ، އެ މައްސަލަ މިހާރު އޮތީ އަޑުއެހުންތައް ނިންމާލުމަށްފަހު ނިންމަން ޖެހޭ އެންމެ ފަހުގެ މަރުހަލާގައި ކަމަށެވެ.
އެގޮތުން ކުރަން އުޅުއްވައިފިއްޔާ މިއަދާއި މާދަމާއާ ދެދުވަސް ތެރޭގައިވެސް އެ މައްސަލަ ނިންމާލެވޭ ހިސާބުގައި،" އޮތް ކަމަށް ޝަމީމު ވިދާޅުވިއެވެ.
ޝަމީމު ވިދާޅުވީ ޔާމީން ރަޝީދުގެ މައްސަލަ މިހާރު އޮތީ ހުލާސާ ބަޔާން އިއްވުމަށްފަހު ހުކުމް ކުރާ ހިސާބުގައި ކަމަށެވެ. އެ މައްސަލައަށް ހެކިން ހާޒިރު ކޮށް އެހެން ކަންތައްތައް ކުރަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މައްސަލައިގެ ހުލާސާ ބަޔާން ޕީޖީގެ ފަރާތުން ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި، ދެން އޮތީ އެ ބަޔާން ހަމައެކަނި ޝަރީއަތުގެ މަޖިލީހުގައި އިއްވާލުން ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލް ކަމުގެ މަގާމާ އޭނާ ހަވާލުވިއިރު ވެސް އެ މައްސަލަ އޮތީ، ކަންބޮޑުވާ ހިސާބުގައި ކަމަށެވެ.
ނަމަވެސް މައްސަަލަ ހަލުވިކަމާއެކު ހުކުމާ ހިސާބަށް މިހާރު ގެންދަވާފައި ވާކަން ފާހަގަކުރެއްވިއެވެ.
ޝަމީމު ވިދާޅުވީ، ޕީޖީގެ ވަކީލުން ކޯޓަށް ވަޑައިނުގަނެގެން މައްސަލަ ލަސް ނުވާނެ ކަމަށެވެ.
ކޯޓުތަކުގައި ނުނިމި މައްސަލަތައް ލަސްވާ މައްސަލައިގައި ޝަމީމު ވިދާޅުވީ، މައްސަލަތައް ލަސް ވުމަށް އެތައް ސަބަބުތަކެއް ހުރި ނަމަވެސް އެންމެ ބޮޑު ސަބަބަކީ ރިސޯސް މެނޭޖް ކުރުމުގެ މައްސަލަ ކަމަށެވެ.