އިލެކްޓްރޯނިކް މުއާސަލާތުގެ ޒަރީއާއިން ދެފަރާތުގެ ދެމެދުގައި ވެވޭ އެއްްބަސްވުން ތަކަށް ގާނޫނީ ހައްސިޔަތު ދޭން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބިލު ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދެވެ.
މި ބިލުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ، އެއްބަސްވުމެއްގެ ބައިވެރިން އެހެން ގޮތަކަށް ކަނޑަ ނާޅާ ހިނދަކު، އެއްބަސްވުމެއް އެކުލަވާލުމުގައި، އެ އެއްބަސްވުމެއްގެ ހުށަހެޅުމާއި ގަބޫލު ކުރުން އިލެކްޓްރޯނިކް ޒަރީއާއިން ހިންގިދާނެ ކަމަށެވެ.
އެއްބަސްވުމެއް އެކުލަވާލުމުގައި އިލެކްޓްރޯނިކް މުއާމަލާތް ބޭނުން ކޮށްފައިވާ ހާލަތެއްގައި، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އެ އެއްބަސްވުމަކީ ގާނޫނީ ގޮތުން ސައްހަ ނޫން، ނުވަތަ ތަންފީޒު ނުކުރެވޭނެ އެއްބަސްވުމެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އިލެކްޓްރޯނިކް ސޮޔަށް ގާނޫނީ ބާރު ދިނުމަށް މި ބިލުގެ 26 ވަނަ މާއްދާގައި ބުނެފައި ވަނީ، ގާނޫނަކުން މީހެއްގެ ސޮޔެއް އޮތުން ލާޒިމް ކޮށްފައިވާ ހާލަތެއްގައި ޑޭޓާ މެސެޖެއްގައި ބޭނުން ކޮށްފައިވާ އިލެކްޓްރޯނިކު ސޮޔަކީ، އެންމެހައި ހާލަތްތަކަށާއި، ކަމާ ގުޅޭ އެއްބަސްވުމެއް ވެފައި ވާނަމަ އެ އެއްބަސް ވުމަކަށް ރިއާޔަތް ކުރާއިރު، އެ ޑޭޓާ މެސެޖު ޖެނެރޭޓު ކުރި ނުވަތަ މުއާސަލާތު ކުރި މަގުސަދު ހާސިލު ކުރުމަށް ބަރޯސާ ވެވިދާނެ އަދި ބޭނުންތެރި އިލެކްޓްރޯނިކު ސޮޔެއް ކަމަށް ވާނަމަ، އެ ސޮއި އޮތުމަށް ގާނޫނީ ގޮތުން ލާޒިމް ކޮށްފައިވާ ޝަރުތު ފުރިހަމަ ވީ ކަމަށް ބަލަން ވާނެ އެވެ.
ޑޭޓާ މެސެޖު ތަކަަށް ގާނޫނީ ހައިސިއްޔަތު ދޭންވެސް ބިލުގައި ހިމަނާފައި ވެއެވެ.
ބިލުގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ ޑޭޓާ މެސެޖެއްގެ ސިފައިގައި މައުލޫމާތެއް އޮންނަ އޮތުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އެ މެސެޖަކީ ގާނޫނީ ހައިސިއްޔަތެއް ނެތް، ނުވަތަ ގާނޫނީ ގޮތުން ސައްހަ ނުވާނެ، ނުވަތަ ގާނޫނީ ގޮތުން އެ މައްޗަށް އަމަލު ނުކުރެވޭނެ އެޗެއް ކަމަށް ބަލައިގެންވާނެ ސަބަބެއް ނޫން ކަމަށެެވެ.
ޑޭޓާ މެސެޖުތަކަށް ވީތީ އެ ސަބަބުގެ މައްޗަށް ބިނާކޮށް ޝަރީއަތެއްގައި ޑޭޓާ މެސެޖެއް ހެކީގެ ގޮތުގައި ބަލައި ނުގަނެވޭނޭ ގޮތަށް ހެއްކާ ބެހޭ އުސޫލުތައް ތަސްބީގު ކޮށްގެން ނުވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް