ފްރާންސް ލީގު ވަންގައި ރޭ ޕީއެސްޖީން ރެއިމްގެ މައްޗަށް 2-0 އިން ކުރި ހޯދި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފުރަތަމަ ފަހަރަށް ޕީއެސްޖީ ޖާޒީގައި ފެނިލައިފިއެވެ.
ރޭގެ މެޗަށް ނުކުތްއިރުވެސް ގިނަ ބަޔަކު އިންތިޒާރު ކުރީ މެސީގެ ފެނިލުމަށެވެ. އުމުރުން 34 އަހަރުގެ މެސީ، ފައިނޭންޝިއަލް މައްސަލަތަކުގެ ސަބަބުން ބާސެލޯނާ ދޫކޮށް މި ސީޒަނަށް ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ޕީއެސްޖީއާއެކު ގިނަ ފަރިތަކުރުންތަކެއްގައި މެސީ ބައިވެރިވަމުން ދިޔަ ނަމަވެސް މެޗު ފިޓްނަސް ރަނގަޅު ކުރުމަށް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ މެސީގެ ފުރަތަމަ މެޗު ފަސްކޮށްލައިފައެވެ.
ރޭގެ މެޗަށް ނުކުތްއިރު، ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ އަށްވެސް ވަނީ ސަމާލުކަން ހުއްޓިފައެވެ. އޭނާ ރަސްމީކޮށް ކްލަބު ދޫކޮށްލަން އެދިފައިވާއިރު، ޕީއެސްޖީ އާއި ރެއާލް އިން އަންނަނީ އެމްބާޕޭގެ ޓްރާންސްފާ އަށް ވާހަކަތައް ދައްކަމުންނެވެ. މިހާތަނަށް ރެއާލް އިން ދެ ބިޑެއް ކޮށްފައިވީ ނަމަވެސް އަދިވެސް ޕީއެސްޖީން ބުނަމުން އަންނަނީ އަގާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އެ ވާހަކަތައް ދެކެވެމުން އައި ނަމަވެސް ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯ ވަނީ ރޭގެ މެޗުގެ ފުރަތަމަ 11 އަށް އެމްބާޕޭ ނެރެފައެވެ. އޭނާއާއެކު ނޭމާވެސް ވަނީ 11ގައި ހިމަނާފައެވެ.
މެޗުގައި އެމްބާޕޭގެ ދެ ގޯލް ފެނިގެން ގޮސްފައިވާއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެސީ ނުކުތީ 66 ވަނަ މިނެޓުގައެވެ. ނޭމާގެ ބަދަލު މެސީ ނުކުމެފައިވާއިރު، އިދިކޮޅު ޓީމުގެ ސަޕޯޓަރުންވެސް ވަނީ ކޮޅަށް ތެދުވެ މެސީއަށް މަރުހަބާ ކިޔައިފައެވެ. އަދި މެސީ ފައިގައި ބޯޅަ ޖެހުމާއެކު އިދިކޮޅު ސަޕޯޓަރުންވެސް ވަނީ އޭނާއަށް ހިތްވަރު ދީފައެވެ.
"މެސީ ހުރީ އޭނާގެ އެންމެ ވަރުގަދަ ފޯމުގައެއް ނޫން. މެސީގެ އެންމެ ރަނގަޅު ކުޅުމަށް އަދި އިންތިޒާރެއް ކޮށްލަން ޖެހޭނެ. ދެތިން ހަފުތާ ފަހުން އޭނާ އެންމެ ރަނގަޅަށް ފިޓްވާނެ. މެސީގެ ފުރަތަމަ ޓަޗާއެކުވެސް މުޅި ޓީމަށް ފަސޭހަ ކަމެއް ލިބުނު. ހުރިހާ ސަޕޯޓަރުންނަށް އެކަން އިހުސާސްވި. އެއީ މެސީ. މެސީއަކީ އެ ތަރުހީބު ހައްގު ކުޅުންތެރިއެއް،" ރޭގެ މެޗަށްފަހު ޕީއެސްޖީ ކޯޗު ޕޮޗެޓީނޯ ބުނެފައިވެއެވެ.
އިންޓަނޭޝަނަލް ބްރޭކުގައި އާޖެންޓީނާގެ މެޗުތަކަށް މެސީ ދާނެއެވެ. ޕީއެސްޖީއަށް ފުރަތަމަ 11 ގައި ހިމެނި މެސީ މެޗެއް ކުޅޭނީ ދެން އޭގެ ފަހުންނެވެ. އެމްބާޕޭގެ ކުރިމަގަށް ގޮތެއް ނިންމަން ޕީއެސްޖީ އާއި ރެއާލްއަށް ދެން އޮތީ މަދު ވަގުތު ކޮޅެކެވެ. 31 ވަނަ ދުވަސް ނިމުމާއެކު ޓްރާންސްފާ މާކެޓް ބަންދުވާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު