ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުނަށް ފަސޭހަ ކޮށްދޭން ބީއެމްއެލުން ތައާރަފު ކުރި ހޯމް އިމްޕްރޫވްމަންޓް ލޯނާއި ފައިނޭންސިން އަށް ލުއި ދީފި އެވެ.

ބީއެމްއެލުން ބުނީ މިއަދު ގެނައި އާ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު މީހުނާ އެކު ލޯނަށް ހުށަހެޅޭނެ ކަމަށާއި ލޯނަށް އެދި ހުށަހެޅޭނީ އާމްދަނީ ލިބޭ މީހަކަށް ކަމަށެވެ.

ލޯނަށް އެދި ހުށަހަޅާއިރު އާމްދަނީގެ ގޮތުގައި މުސާރަ، ކުލި، ވިޔަފާރިން ލިބޭ އާމްދަނީ ގެ އިތުރުން އެހެނިހެން އާމްދަނީ ބަލައިގަންނާނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލުން ބުނީ، ލޯނުގައި ބައިވެރިވާ އިތުރު ބައިވެރިންނަކީ ލޯނު ނަގާ ފަރާތާ އާއިލީ ގޮތުން ގުޅުން ހުރި މީހެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

ބީއެމްއެލްގެ ހޯމް އިމްޕްރޫމަންޓް ލޯނުގެ ދަށުން ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ކުރުމަށް ކަސްޓަމަރުންނަށް 25،000ރ. އިން ފެށިގެން 150،000ރ. އާއި ހަމައަށް ލޯނު ދޫކުރާނެއެވެ. ރަހުނަކާ ނުލައި 12 އިންސައްތައިގެ އިންޓަރެސްޓް ރޭޓުގައި ދޫކުރާ އެ ލޯނުތައް އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.