ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ޖޭއެސްސީން މި މައްސަލަ ބަލަން ނިންމާފައި މިވަނީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ތިން ގާޒީއެއްގެ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެންނެވެ. އެގޮތުން ގާޒީ ހުސައިން ފާއިޒާއި ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމްގެ ކަމަށް ބެލެވޭ ބައެއްގެ އޯޑިއޯތަކެއް މިއަދު ވަނީ ލީކު ކޮށްލައިފައެވެ. އެ އޯޑިއޯތަކުގައި ރައީސް ޔާމީން މައްސަލައިގައި ހުކުމް ކުރުމަށް ގާޒީންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައިވެއެވެ.
ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަ ނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުން ނުވެ، ތައައްސުބުން އެއްކިބާވެ، ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް ކަންތައްތައް ނިންމުންމަތީ ދެމި ތިބެންޖެހޭ ބައެއް ކަމަށެވެ.
"ވީހިނދު، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކަކީ ފަނޑިޔާރު ގޭގެ އިތުބާރު ނެގެހެއްޓުމާއި، ފަނޑިޔާރު ގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި ވަކިން ހާއްސަ ސަމާލުކަމެއް ދީގެން މި ކޮމިޝަނުން ބަލައި ތަހުގީގު ކުރާނެ ކަމެއް،" ޖޭއެސްސީގެ ބަޔާނުގައިވެއެވެ.
ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯއެއް މިއަދު ލީކު ކޮށްލާފައިވާ އިރު، އެ އޯޑިއޯގައި ރައީސް ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެހެން މީހަކު ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާއާ ސުވާލުކުރާ އަޑު އިވެއެވެ. އެގޮތުން ފުރަތަމަ އެ ސުވާލުތަކަށް އޭނާ ޖަވާބު ނުދެއްވި ނަމަވެސް، ފަހުން އޭނާ އެއާ ގުޅޭ ގޮތުން ކޮންމެވެސް ވަރަކަށް ވާހަކަދައްކައެވެ.
އެގޮތުން ރައީސް ޔާމީނަށް ހުކުމް ކުރީ ކޮންމެވެސް ވަރެއްގެ ނުފޫޒުތަކެއް އޮވެގެން ކަމަށާއި ހުކުމުގައި ސޮއިކުރީ "ސަވައިވް" ވާން ކަމަށް ފާއިޒް ކަމަށް ބުނާ މީހާ ބުނާ އަޑު އިވެއެވެ.
އޯޑިއޯގައި ރައީސް ޔާމީނަށް ހުކުމް ކުރީ ރިޝްވަތު ދީގެންތޯ މީހަކު ތަކުރާރުކޮށް ސުވާލު ކުރާ އަޑުއިވެއެވެ. އެއަށް ޖަބާވުދެމުން ފާއިޒް ވަނީ "އޭނާއަށް ދޭނެ އެއްޗެއް ނޯންނާނެ" ކަމަށް ބުނެފައެވެ. އަދި ވަނީ އެނޫން އެހެން ގޮތްތައްވެސް ހުންނާނެ ކަމަށް ބުނެފައެވެ.
އެގޮތުން ރަހީނުކޮށްގެން ހުކުމް ކުރުމުގެ ފުރުސަތު އޮވެދާނެތޯ އެތަނުން އެކަކު ސުވާލު ކުރުމުން، ފާއިޒް ވަނީ "އެހެންކަމަށް ބަލަމާ" ބުނެފައެވެ. އަދި "އެހާލަތުވެސް އެބައޮތް" ކަމަށްވެސް އޭނާ ބުނާ އަޑު އެ އޯޑިއޯއިން އިވިގެންދެއެވެ.
އަދި ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް ހުންނާނެ ކަމަށާއި އެގޮތުން އޭނާގެ އަނބިމީހާ އާއި ގާތްތިމާގެ މީހުންނަށްވެސް އެފަދަ އަމަލެއް ހިންގިދާނެ ކަމަށް އޭނާ ބުނާ އަޑު އިވެއެވެ. އޭނާ ބުނާ ގޮތުގައި ސިޔާސީ މީހަކަށް ހައްގު ވިޔަސް ނުހައްގުން ވިޔަސް ޖަލު ހުކުމެއް އިއްވައިފިނަމަ، ރައްޔިތުންގެ ތާއިދު އެމީހަކަށް ބޮޑުވާނެއެވެ.
އެއާއެކު ރައީސް ޔާމީނަށް ހުކުމް ކުރީ ނުހައްގުންތޯ މީހަކު ސުވާލުކުރެއެވެ. އެއަށް ޖަވާބު ދެމުން ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާ، ރައީސް ޔާމީނަށް ހުކުމް ކުރީ، އެމަނިކުފާނުގެ މަސްލަހަތަށްޓަކައި ކަމަށާއި އެއީ ހުކުމް ނުކޮށްފި ނަމަ އެހެން ގޮތެއް ވެދާނެ ކަމަށްޓަކައި ކަމަށް ބުނެއެވެ.
އެގޮތުން ރައީސް ޔާމީނަށް "އޭނާ ދެރައެއް ނުދޭނެ" ކަމަށާއި އޭނާ މައްސަލަ ނިންމީ ރައީސް ޔާމީނާ އެއްކޮޅަށް ކަމަށްވެސް ބުނެއެވެ. އަދި އެވާހަކަ އިތުރަށް ދައްކަން ބޭނުންނުވާ ކަމަށާއި 2023ގައި އެ ވާހަކަތަކުގެ ތަފުސީލު ހާމަކުރާނެ ކަމަށްވެސް ފާއިޒު ކަމަށް ބެލެވޭ މީހާ ބުނެއެވެ.
އޭނާ އިތުރަށް ބުނީ، އެ މައްސަލައިގައި ރައީސް ޔާމީނާ ދެކޮޅަށް ހުކުމް ކުރީ މަގާމުގެ ބިރަކަށް ނޫން ކަމަށާއި އަދި ވަޒީފާ ގެއްލިދާނެތީ އޭނާ ބިރު ނުގަންނަ ކަމަށެވެ. އަދި ސިޔާސީ މީހުންގެ މައްސަލަ ބެލުމަކީ ވަރަށް "ފާޑެއްގެ" ކަމެއް ކަމަށާއި ގޯސްކޮށް ހުކުމެއް ކުރެވިއްޖެނަމަ ނުވެސް ނިދޭނެ ކަމަށާއި ރައީސް ޔާމީނަށް އިއްވި ހުކުމަށްފަހު އޭނާއަށް ނުނިދޭ ކަމަށްވެސް ބުނާ އަޑުއިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު