Close
ޚަބަރު

މަޝްރޫއުތައް ހިންގާ ފަރާތްތަކަށް ރިސޯޓް ހަދަން ރަށް ދޫކުރާނެ ގަވާއިދެއް ހަދައިފި

މުއާވިޔަތު އަންވަރު

ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރާ ފަރާތަކަށް، ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށް ގަވާއިދެއް ގެޒެޓްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކުރި އެ ގަވާއިދުގައި ބުނެފައިވަނީ، ދައުލަތުގެ އާންމު މަންފާއެއް ހާސިލުކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތައް ހިންގާ ފަރާތްތަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވިދާނެ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް އެ އަހަރެއްގެ ތެރޭގައި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް، ހަމަޖައްސާފައިވާ މަޝްރޫއުތަކުގެ ތެރެއިން ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާނެ މުހިންމު މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި، ގެޒެޓުގައި ޝާއިރުކުރަން ޖެހޭނެއެވެ.

އެގޮތުން ރަށްތައް ދޫކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތަފްސީލު ވެސް ހާމަކުރަން ޖެހޭނެއެވެ. އޭގެ ތެރޭގައި މަޝްރޫއުގެ ތައާރަފާއި މަޝްރޫއު ހިންގުމަށް ގަސްތުކުރާ އަތޮޅާއި ރަށުގެ އިތުރުން މަޝްރޫއަށް ހަރަދު ކުރަން ޖެހޭނެ އެންމެ ދަށް މިނަވަރު ވެސް އާންމުކުރަން ޖެހޭނެއެވެ.

މަޝްރޫއުތައް ހިންގާ ފަރާތްތަކަށް ކުއްޔަށް ދޫކުރެވޭނީ، ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި ޓޫރިޒަމް މިނިސްޓްރީން ޝާއިއުކުރާ ލިސްޓެއްގައި ހިމެނޭ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެކެވެ. އެލިސްޓުގައި ނުހިމެނޭ ރަށެއް، މަޝްރޫއު ހިންގާ ފަރާތަކުން ބޭނުންވެއްޖެނަމަ، އެ ހުށަހެޅުމަށް ރިއާޔަތްކޮށް ލިސްޓަށް އުނި އިތުރު ގެނައުމުގެ ބާރުވެސް މި ގަވާއިދުގައި ރައީސަށް ވަނީ ދީފައެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާއިރު، އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި އެ ތަނެއް ހިންގުމަށް ހުއްދަ ދޫކުރެވޭނީ މަޝްރޫއު ނިމުމުން ނުވަތަ މަޝްރޫއު އެއްކޮށް ނިންމަން ބޭނުންވާ ޖުމުލަ ފައިސާ ދައުލަތާ ހަވާލުކުރުމުންނެވެ.