ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކަށް ގައުމީ ދަނޑަށް ކޮންމެވެސް ވަރަކަށް ސަޕޯޓަރުން ވައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ ހާލަތާ ގުޅިގެން ހުސް ސްޓޭޑިއަމްތަކުގައި ގިނަ މުބާރާތްތަކެއް އަދިވެސް ކުރިއަށްދާ އިރު، ވެކްސިން ފުރިހަމަކޮށް ޕީސީއާރު ޓެސްޓުތަކާއެކު ބައެއް ލީގުތަކަށް މިހާރު ވަނީ ސަޕޯޓަރުން ވައްދަން ފަށައިފައެވެ. ނިމިދިޔަ ޔޫރޯ 2020 މުބާރާތުގައިވެސް ސަޕޯޓަރުން ވައްދަން ހާއްސަ އުސޫލުތަކެއް ގެންގުޅެފައިވާ އިރު، ޔޫރަޕުގެ އެންމެ ވަރުގަދަ ލީގު، އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައްވެސް މިހާރު ކުޅެމުން ދަނީ ފުލް ސްޓޭޑިއަމްތަކުގައެވެ. އެ ގައުމުގައި ކާމިޔާބުކަމާއެކު ސަޕޯޓަރުން ވައްދަމުން ދަނީ ވެކްސިން ޖެހުން ގިނަކޮށް، ޕީސީއާރު ޓެސްޓުތައް ހަދައިގެން ދަނޑަށް ވަނުމުގެ އުސޫލުތައްވެސް ބަރާބަރަށް ހިފަހައްޓައިގެންނެވެ.
"އަޅުގަނޑުގެ އިލްތިމާސެއް އެއީ ހުރިހާ ބޭފުޅުންވެސް ވެކްސިން ޖައްސަވަން. އެއީ އަޅުގަނޑުމެންނަށް ދަނޑަށްވެސް ނުވަދެވޭ ކޮވިޑް ވެކްސިން ޖެހިގެން ނޫނިއްޔަކާ. މިހާރު މަޝްވަރާތައް ފަށަން މިއުޅެނީ އެޗްޕީއޭއާއި ސަރުކާރާވެސް އެކީ، ކޮންމެވެސް އަދަދަކަށް ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުޅުމަށް. އެއީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ލިބޭ ހިތްވަރަކަށް ވާނެ. އަދި އުފާވެރި މާހައުލެއް ގައުމީ ދަނޑުގައި އުފެދޭނެ،" ގައުމީ ޓީމުގެ ފުރަތަމަ ފަރިތަކުރުންތަކުގައި ހުންނަވައި، ބައްސާމް ވިދާޅުވިއެވެ.
ރާއްޖެއިން ލަންކާއާއެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކޮށްފައިވާ އިރު، ރާއްޖޭގައި ގައުމީ ޓީމު ކުޅުނު ހުރިހާ މެޗެއް ކުޅުނީ ފުލް ސްޓޭޑިއަމްގައެވެ. ދިވެހި އެތައް ހާސް ރައްޔިތުންނެއް ޓީމަށް ސަޕޯޓު ކުރުމުގައި ދަނޑު ރަތް ކުލައިން ފުރާލާފައިވާ އިރު، އެ މުބާރާތް ނެގުމަށް އެންމެ ބޮޑު ހިތްވަރަކަށްވީވެސް ސަޕޯޓަރުންނެވެ. ބައްސާމް ވިދާޅުވީ ދަނޑު ފުރާ ނުލެވުނު ނަމަވެސް ހާފް ކެޕޭސިޓީ ބޭނުންކުރަން ވިސްނަވާ ކަމަށެވެ.
"ބައެއް ސިިޑިބަރިތަކުގެ މަރާމާތު މަސައްކަތް ވަރަށް އަވަހަށް ފެށޭނެ. މިހާރު އޮތް ގޮތުން ގާތްގަނޑަކަށް 6500، އެއީ ގައުމީ ދަނޑުގެ ކެޕޭސިޓީއަކީ. އަޅުގަނޑުމެން ބަލަނީ އޭގެ ދެބައިކުޅަ އެއްބައި މަދު އަދަދެއްވެސް ދަނޑަށް ވެއްދޭތޯ. އާންމުކޮށް ދަނޑަށް މީހުން މި ވެއްދެނީ ވަކި ޑިސްޓެންސެއްގައި މީހުން ތިބެގެން. އެހެންވީމަ ފުލް ކެޕޭސިޓީ ބޭނުން ނުކުރެވިދާނެ. އެކަމަކު ސަޕޯޓަރުން ވެއްދޭތޯ މަސައްކަތް ކުރަމުން މިދަނީ،" ބައްސާމް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރާނީ އަންނަ އޮކްޓޯބަރު މަހުގައެވެ. އޮކްޓޯބަރު އެއްވަނަ ދުވަހު މުބާރާތް ފަށާ އިރު، ރާއްޖެއިން އެންމެ ފުރަތަމަ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖު މަރުހަލާ ކުޅޭނީ ލީގު އުސޫލުން ހުރިހާ ޓީމެއް، ހުރިހާ ޓީމަކާ ވާދަކުރާ ގޮތަކަށެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް