ޔުވެންޓަސްގެ ތަމްރީނުތަކަށް ގޮސް، ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބުގެ ކުޅުންތެރިންނަށް އަލްވަދާއު ކިޔައި، އެހެން ކްލަބަކަށް ބަދަލުވާން ނިންމައިފިއެވެ.
ޔުވެންޓަސްގެ ކޯޗު މެސިމިލިއާނީ އަލެގްރީ ބުނެފައި ވަނީ މިވަގުތުން ފެށިގެން ޔުވެންޓަސް ދޫކޮށްލަން ރޮނާލްޑޯ އެދިފައިވާ ކަމަށާއި އެއީ ހަގީގީ ވާހަކައެއް ކަމަށެވެ. އަދި ނޫސްވެރިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރޮނާލްޑޯ މިހާރު ވަނީ ޕްރައިވެޓް ޖެޓުގައި އިޓަލީ ދޫކޮށްލަން ތައްޔާރުވެފައެވެ.
މިއަދު އިރުއޮއްސުމާ ގާތަށް ރޮނާލްޑޯ ހުރީ މެންޗެސްޓާ ސިޓީގެ ބިޑަކަށް އިންތިޒާރުގައެވެ. ރޮނާލްޑޯގެ އެޖެންޓް ޖޯޖު މެންޑޭޒް އާއި ސިޓީން ވާހަކަ ދައްކަމުންދިޔަ އިރު، އަނގަބަހުން ހުރިހާ ކަމަކަށްވެސް އެއްބަސްވެފައިވާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
ނަމަވެސް އެ ވާހަކަތަކަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ސިޓީން ރަސްމީ ބިޑަކާ ހަމައަށް ނުގޮސް މިހާރު ވަނީ ރޮނާލްޑޯ ހޯދުން ހުއްޓާލައިފައެވެ.
ސިޓީން ރޮނާލްޑޯ ގެންދަން އިންކާރު ކުރި ހިސާބުން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުން ވަނީ ރޮނާލްޑޯ ހޯދަން އެޖެންޓް މެންޑޭޒްއާ ސީދާ ވާހަކަތައް ދައްކައިފައެވެ. ކުއްލިއަކަށް ރޮނާލްޑޯ ހޯދުމުގެ ރޭހަށް ވަދެ، ޔުނައިޓެޑުން ވަނީ މިހާރު ރޮނާލްޑޯ ގެންދަން އުންމީދުވެސް އާކޮށްފައެވެ. އިތުބާރު ހުރި ނޫސްތަކުން ބުނެފައިވާ ގޮތުން ރޮނާލްޑޯއަށް ރަސްމީ ބިޑެއް ހުށަހެޅުމަށް މިހާރު ޔުނައިޓެޑުން ތައްޔާރުވެ، މެންޑޭޒް މެދުވެރިކޮށް ވަނީ ވާހަކަ ދައްކައިފައެވެ.
ރޮނާލްޑޯ ވަނީ އޭނާ ކެރިއަރުގައި މުހިންމު ދުވަސްތަކެއް ޔުނައިޓެޑް ޖާޒީގައި ކުޅެފައެވެ. 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ސާ އެލެކްސް ފާގަސަންގެ ކޯޗުކަމުގެ ދަށުގައި ރޮނާލްޑޯ ޔުނައިޓެޑަށް ކުޅެފައިވާ އިރު، އެ ދުވަސްތަކުގައި އޭނާ ވަނީ އެ ކުލަބާއެކު ތިން ފަހަރު ލީގު ހޯދައި އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ. ޔުނައިޓެޑަށް ކުޅެމުން ރޮނާލްޑޯ ފުރަތަމަ ބެލޮންޑިއޯވެސް ހޯދި އިރު، އޭނާއަކީ އެ ކުލަބާއެކު ކްލަބު ވޯލްޑް ކަޕުވެސް ހޯދި ކުޅަދާނަ ފޯވަޑެކެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯއަކީ ފުޓުބޯޅަ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. ކެރިއަރުގައި މިހާތަނަށް 780 ގޯލަށް ވުރެ ގިނަ ގޯލު ޖަހާފައިވާ ރޮނާލްޑޯއަކީ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.
ޖުމުލަ ފަސް ފަހަރު ޗެމްޕިއަންސް ހޯދައި، ރޮނާލްޑޯ ވަނީ ގައުމީ ޓީމާ އެކު ޔޫރޯވެސް ކާމިޔާބު ކޮށްފައެވެ. ރޮނާލްޑޯ 2018 ވަނަ އަހަރު ޔުވެންޓަސްއަށް ގުޅިފައިވާ އިރު، އޭނާގެ އެއްބަސްވުމުގައި މިހާރު ބާކީ އޮތީ އެއް އަހަރެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު