ސާފް ޗެމްޕިއަންޝިޕަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑަށް މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އަހުމަދު އަބްދުﷲ (ލިލީ) އަދި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ އަލީ ހައިޝަމް (ޗުމްޕު) އިތުރުކޮށްފި އެވެ.
ފުރަތަމަ އިއުލާނު ކުރި 31 ކުޅުންތެރިންގެ ސްކޮޑުގައި މި ތިން ކުޅުންތެރިން ނުހިމެނުނު ނަމަވެސް ގައުމީ ޓީމުގެ ހެޑްކޯޗު އަލީ ސުޒޭން މިއަދު ބޭއްވި ޕްރެސްގައި ބުނެފައި ވަނީ ކްލަބު ކޯޗުންނާ މަޝްވަރާތައްކޮށް، އެ ތިން ކުޅުންތެރިން ސްކޮޑުގައި ހިމަނަން ނިންމާފައިވާ ކަމަށެވެ.
ސުޒޭން ބުނީ، ސްކޮޑު ނެގުމުގައި ގިނަ ބައެއްގެ މަޝްވަރާތަށް އަހާ، ވާހަކަ ދައްކާފައިވާނެ ކަމަށާއި އެކަމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
"އަޅުގަނޑުމެން މި ސްކޮޑު މި ނަގަނީ ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ސްކޮޑު ނެގުމުގައި ލީގުގައި ވާދަކުރާ ކޯޗުން ދިން އެއްބާރުލުމަށް،" ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުންޏެވެ.
ޗުމްޕު އާއި އިއްބެ ވަނީ އެންމެ ފަހުން ޖޫން މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ނެގި ގައުމީ ސްކޮޑުގައިވެސް ހިމަނައިފައެވެ. އެކަމަކު، އިއްބެއަށް އޭރު މެޗުތަކުގައި ރަނގަޅަށް ނުކުޅެވޭތީ އާއި އަމިއްލަ ސަބަބުތަކެއް ހުރުމުން ގައުމީ ސްކޮޑުން އަމިއްލައަށް ވަކިވިއެވެ. ޗުމްޕު ވަނީ ފުރަތަމަ ފަހަރަށް ގައުމީ ސްކޮޑުގައި ހިމެނި މެޗުތަކުގައި ފުރަތަަމަ އެގާރައިގައިވެސް ކުޅެފައެވެ.
ސުޒޭންވެސް ވަނީ އެ މެޗުގައި ޗުމްޕުގެ ކުޅުން ފާހަގަކޮށްފައެވެ. އޭނާ ބުނީ 31 ކުޅުންތެރިންގެ ސްކޮޑު އިއުލާންކުރި އިރު، އެސިސްޓެންޓް ކޯޗު އިސްމާއީލް މަހުފޫޒު (އިންމަ) ޗުމްޕުގެ ނަން ފާހަގަކޮށްފައިވުމުން، ޗުމްޕު ނެގުމަށް އަބަދުވެސް އޮޕްޝަނެއްގެ ގޮތުގައި އޮތް ކަމަށެވެ.
ލިލީ އެނބުރި ގައުމީ ޓީމަށް އައިސްފައި މިވަނީ 2017 ވަނަ އަހަރަށް ފަހުއެވެ. ދާދި ފަހުން މާޒިޔާ އިން އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގައި ލިލީ ކުޅުފައިވާ އިރު، އޭނާއަކީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ޑިފެންޑަރެވެ.
ފުރަތަމަ ފަހަރަށް ރާއްޖެއިން ހުސް ދިވެހި ކޯޗުންނާ އެކު ސާފު ޗެމްޕިއަންޝިޕަށް ނުކުންނަން ތައްޔާރުވެފައި ވަނީ ރާއްޖޭގައެވެ. މުބާރާތް އޮކްޓޯބަރު މަހު އެކެއްގައި ފެށުމަށް ތައްޔާރުވަމުންދާ އިރު، ކޯޗު ސުޒޭން ވަނީ ދިވެހި ކޯޗިން ޓީމަށް އިތުބާރުކޮށް، ޓީމަށް ދިވެހި އެންމެ ރައްޔިތުން ސަޕޯޓު ކޮށްދިނުމަށް އެދިފައެވެ.
ގައުމީ ޓީމުގެ ޕްރެކްޓިސް ފަށަން ހަމަޖެހިފައި ވަނީ މިރޭއެވެ. ސާފް ޗެމްޕިއަންޝިޕުގެ ކުރިން ގައުމީ ޓީމު ޓްރެއިނިން ކޭމްޕަށް ދާން ނިންމާފައި ވަނީ އަންނަ މަހު 10 ވަނަ ދުވަހު ގަތަރަށެވެ. ގައުމީ ޓީމު އެނބުރި މާލެ އަންނާނީ އަންނަ މަހު 28 ވަނަ ދުވަހު އެވެ.
- ޔަސްފާދު ހަބީބު (މުލަކޭ) / ދަ ގްރާންޑޭ
- ހަސަން ރާއިފް އަހުމަދު (ހަންނަ) / އީގަލްސް
- އިމްރާނީ ނަޝީދު / އީގަލްސް
- އަހުމަދު ނޫމާން (ހެލްމެޓް)/ އީގަލްސް
- ހަސަން ޝިފާއު ޔޫސުފު (ކްރޯ) / އީގަލްސް
- މުހައްމަދު ނާއިމް/ އީގަލްސް
- ހައިޝަމް ހަސަން / އީގަލްސް
- އަސްހަދު އަލީ (އަޑޭ)/ އީގަލްސް
- މުހައްމަދު ސާއިފް / ގްރީން ސްޓްރީޓްސް
- ހަސަން ނަޒީމް/ ގްރީން ސްޓްރީޓްސް
- ހުސައިން ޝަރީފް / މާޒިޔާ
- މޫސާ ޔާމީން/ މާޒިޔާ
- އިބްރާހީމް އައިސަމް/ މާޒިޔާ
- އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)/ މާޒިޔާ
- މުހައްމަދު އިރުފާން/ މާޒިޔާ
- ސަމޫހު އަލީ (ސަމުއްޓެ)/ މާޒިޔާ
- މުހައްމަދު އުމައިރު/ މާޒިޔާ
- އަސަދުﷲ އަބްދުﷲ / މާޒިޔާ
- ހުސައިން ނިހާން (ނިހާޓު) / މާޒިޔާ
- ހަމްޒާ މުހައްމަދު (ހަމްޕު)/ މާޒިޔާ
- ނާއިޒު ހަސަން (ދާދު)/ މާޒިޔާ
- މުހައްމަދު އަޖުފާން / ޓީސީ ސްޕޯޓްސް ކްލަބު
- އަލީ ޝާމިސް (ތޮއްޕެ)/ ޓީސީ ސްޕޯޓްސް ކްލަބު
- އަލީ ނަޖާހު/ ޔޫވީ
- މުހައްމަދު އާރިފް (ބަކާ)/ ޔޫވީ
- އިސްމާއީލް އީސަ (މެސީ)/ ޔޫވީ
- މުހައްމަދު ޝަފީއު (ޗެކު)/ ވެލެންސިއާ
- މުހައްމަދު ފައިސަލް / ވެލެންސިއާ
- އަލީ ފާސިރު (ސެންޓޭ)/ ވެލެންސިއާ
- އަލީ އަޝްފާގު (ދަގަނޑޭ)/ ވެލެންސިއާ
- އަކުރަމް އަބްދުލްޣަނީ (އަކޫ)/ ވެލެންސިއާ
- އަހުމަދު އަބްދުﷲ (ލިލީ)
- އަލީ ހައިޝަމް (ޗުމްޕު)
- އިބްރާހީމް ވަހީދު ހަސަން (އިއްބެ)
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު