ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ލަތީފް

ބަރުލަމާނީ ކެންޑިޑޭޓުންނަށް ރައީސް ނަޝީދު ތާއީދު ކުރެއްވުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުމެއް ނޫން: ހަސަން

އިބްރާހިމް ޒަކީ

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، ބަރުލަމާނީ ނިޒާމަށް ތާއިދުކުރާ ފަރާތްތަކަށް ތާއީދު ކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަކީ، ގައުމީ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުން ނޫން ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އާ ދައުރަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ހުރިހާ ކެނޑިޑޭޓުންނަށް ތާއީދު ކުރައްވާ ކަމަށް ރައީސް ނަޝީދު މީގެ ދުވަސްކޮޅެއް ކުރިން ވަނީ ވިދާޅުވެފައެވެ.

އެކަމަކީ އެ އިންތިހާބަށް ރައީސް ނަޝީދު ނުފޫޒު ފޯރުވުން ކަަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.

ގައުމީ މަޖިލީހުގެ އިންތިހާބުގެ ކަންތައްތަކާބެހޭ މައުލުމާތު މީޑިއާއަށް ހާމަކޮށްދެއްވުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ، ރައީސް ނަޝީދު އެ ގޮތަށް ކަނޑައެޅުއްވުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުން ނޫން ކަމަށެވެ. އެއީ ނުފޫޒު ފޯރުވުން ކަމަށް އެމްޑީޕީ ނުދެކޭ ކަމަށްވެސް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ އިންތިހާބުގެ ކަންތައްތައް އާއްމުކޮށް ކުރިއަށް ގެންދަނީ އިންތިހާބީ ކޮމިޓީން ކަމަށެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި އެ ކޮމެޓީގެ ގިނަ މެންބަރުންތަކެއް ވާދަ ކުރާތީ އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ނެޝަނަލް އެގްޒެކްޓިވް ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ.

އެހެންކަމުން އެ ކޮމެޓީގެ ނުވަ މެންބަރުން ފިޔަވައި އެމްޑީޕީގެ ކޮންމެ މެންބަރަކަށްވެސް، އެ ބޭފުޅަކު ބޭނުން ވާ ކޮންމެ ކެންޑިޑޭޓަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ހަސަން ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ނަޝީދަކީ ޕާޓީގެ ރައީސް ކަމަށް ވިޔަސް އެމަނިކުފާނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އޭޕްރީލް 24 ގައި ބާއްވަން ހަމަޖެއްސި ނަމަވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން އިންތިހާބު ފަސްކޮށް، އަންނަ ސެޕްޓެމްބަރު މަހުގެ 25 ގައި އިންތިހާބު ބާއްވަން ވަނީ ނިންމައިފައެވެ.