ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ޏ. ފުވައްމުލައް/ މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީނަށް ޖަލުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް އޭނާ ބުނެފި އެވެ.
ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އަމީންގެ ޝަރީއަތުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގައި އޭނާ މިއަދު ބުނެފައިވަނީ، އެހެން ގައިދީންނާ އޭނާއާ ތަފާތުކުރުން ގެންގުޅޭ ކަމަށެވެ.
ޖަލުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް އަމީން ބުނެފައިވަނީ، އޭނާ ކަސްރަތު ކުރުމަށް ޓެނިސް ބޫޓެއް ޖަލަށް ވެއްދުމަށް ކަރެކްޝަނުން ހުރަސް އެޅުމުންނެވެ. އެކަމުގެ ލިޔުމެއް ޑޮކްޓަރުން ދިން ނަމަވެސް އަދިވެސް އެ ހުއްދަ ކަރެކްޝަނުން ދީފައި ނުވާ ކަމަށް އަމީން ބުންޏެވެ.
ރައްދުގައި ދައުލަތުގެ ފަރާތުން ވާހަކަދެއްކެވި ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލު ވިދާޅުވީ، ޖަލަށް ވެއްދުން ހުއްދަ ތަކެތީގެ ތެރޭގައި ޓެނިސް ނުހިމެނޭ ކަމަށާއި އެހެން ކަމުން އަމީނަށް އެ ފުރުސަތު ދެވެން ނެތީ ކަމަށެވެ.
މީގެ ކުރިން ގޭ ބަންދަށް ބަދަލުކުރުމުގެ ކުރިން ޖަލުގައި ހުރި އިރު ޓެނިސް ބޫޓެއް ގެންގުޅުނު ކަމަށާއި އަދި މިހާރު ވެސް ބައެއް ގައިދީން ޖަލުގައި ޓެނިސް ބޫޓު ގެންގުޅޭ ކަން އަމީން ފާހަގަކުރި އެވެ. އަދި މިހާރު އޭނާއަށް އެފުރުސަތު ނުދިނުމަކީ ޖަލުގައި ގައިދީންގެ މެދުގައި ތަފާތުކުރުން ގެންގުޅުން ކަމަށް ވެސް އަމީން ބުންޏެވެ.
އެކަން އިތުރަށް ބައްލަވާނެ ކަމަށް މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމަކީ ދައުލަތުން އަމީންއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. އަދި މިއަދު އޮތީ ދައުލަތުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓް ތައްޔާރު ކުރި ފަރާތުގެ ހެކިބަސް ނެގުމެވެ. އެހެން ނަމަވެސް މިއަދު ހެކިބަސް ނެގިފައެއް ނުވެ އެވެ. އެއީ އަމީންގެ ގާނޫނީ ޓީމާ މިއަދު އިތުރު ވަކީލަކު ގުޅިފައިވާތީ އެ ރިޕޯޓް ކިޔާލުމަށްފަހު ހެކިބަސް ނެގަން ފެށުމަށް އޭނާ އެދިވަޑައިގަތުމުންނެވެ.
އަމީންގެ ގާނޫނީ ޓީމާ އަލަށް ގުޅިވަޑައިގެންނެވި އިސްމާއިލް ވިޝާމް، މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓްގައި ވަރަށް ބޮޑެތި ވާހަކަތަކެއް ހުރި ކަމަށް ދިފާއީ ވަކީލު އަހްމަދު ޔާމީންގެ ފަރާތުން އެނގިފައިވާ ކަމަށެވެ. އެހެން ކަމުން ދެ މައްސަލައިގައި 50 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މުވައްކިލުގެ މައްޗަށް އައުމުގެ ފުރުސަތު އޮތުމުން، ހެކިބަސް ދިނުމުގެ ކުރިން އެ ރިޕޯޓް ބަލައިލުމަށް އޭނާ ކޮންމެހެން ވެސް ބޭނުން ކަމަށެވެ.
ސިއްރު އެ ރިޕޯޓް ދިފާއީ ވަކީލުންނަށް ނުދިން ނަމަވަސް ކޯޓުގައި ތިއްބަވައިގެން ރިޕޯޓް ބެލުމުގެ ފުރަސުތު ވަނީ މީގެ ކުރިން ވެސް ދީފަ އެވެ. ނަމަވެސް އެއީ ސިއްރު ބައެއް ހެކިންގެ މައުލޫމާތު އުނިކުރުމަށްފަހުގަ އެވެ.
އެކަމަށް ދައުލަތުގެ ވަކީލު ވަނީ އިއުތިރާޒު ކުރައްވާފަ އެވެ. އަދި މީގެ ކުރިން އެ ރިޕޯޓް ބެލުމުގެ ފުރުސަތު އަމީންގެ ވަކީލުންނަށް ދީފައިވާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
އެހެން ނަމަވެސް ޝަރީއަތުން އިސް ގާޒީ އަހްމަދު ޝަކީލް ނިންމެވީ އެ ފުރުސަތު ދިނުމަށެވެ. މިއަދު ހެކިބަސް ނުނެގުމަށް ނިންމެވި އެވެ. އަދި އަންނަ މަހުގެ ދެވަނަ ދުވަހު އޮންނަ އަޑުއެހުމުގައި އެ ރިޕޯޓާ ގުޅިގެން ހެކިބަސް ނަންގަވާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އަމީން ހައްޔަރު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
ފުލުހުން މީގެ ކުރިން ބުނީ އަމީނަކީ ގިނަދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރި ވެ، އެކަމަށް އެހީތެރިވެދީ ވާގިވެރިވަމުންދާ މީހެއް ކަމަށެވެ.
އޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓު ދިނުމުގެ އިތުރުން، ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސްފަރާތްތަކާވެސް އަމީން ގާތް ގުޅުމެއް ބާއްވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަމީން ވަނީ އެމެރިކާއިން ކަނޑައަޅާ ޓެރަރިސްޓުންގެ ލިސްޓުގައިވެސް ހިމެނިފައެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި އެ ލިސްޓުގައި ދިވެއްސަކު ހިމެނުނު އެއީ ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު