ކޮވިޑް ވެކްސިން ޖަހާފައިވާ މައިންގެ ހަށިގަނޑުން އުފައްދައިދޭ ކިރުގައި ގިނަ އަދަދަކަށް އެންޓިބޮޑީ ހިމެނޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި ވެކްސިން ފުރިހަމަކޮށްފައިވާ މައިމީހާގެ ކިރުގައި ގިނަ އަދަދަކަށް އެންޓިބޮޑީ އުފައްދައިދިނުމުގެ އިތުރުން ތުއްތު ދަރިފުޅު ބަލިން ރައްކާތެރިކޮށްދިނުމުގެ ފުރުސަތު ވެސް އިތުރުކޮށްދެއެވެ.

މި ނަތީޖާ ދައްކާފައިވަނީ ޔުނިވަސިޓީ އޮފް ފްލޮރިޑާ އިން ހެދި ދިރާސާއެއްގައެވެ. ތުއްތުކުދީން ދުނިޔެއަށް އުފަންވާއިރު ހަށިގަނޑުގެ ދިފާއީ ނިޒާމު ނާޒުކު ވުމުން ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވެއެވެ.

މި ދިރާސާ ހެދިފައިވަނީ ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ ކުޑަކުދީންނާއި ގުޅޭ ޑިޕާޓްމެންޓުގެ ޑިވިޝަން އޮފް ނިއޮނެޓޮލޮޖީ ޑޮކްޓަރު އެމްޑީ ޖޯސެފް ނެއު ގެ ލީޑަރޝިޕިގެ ދަށުންނެވެ.

އޭނާ ފާހަގަކުރާގޮތުގައި އާއްމުކޮށް ތުއްތު ކުދީންގެ ހަށިގަނޑު އެކި ބާވަތުގެ ވެކްސިނަށް ހޭނުމުގައި އުނދަގުލާ ކުރިމަތިލައެވެ. އަދި އެކުދީންގެ ހަށިގަނޑު ރައްކާތެރިކޮށްދިނުމަށް މައިމީހާގެ ގާތުންދޭ ކިރުން ދިފާއީ ބާރު ވަރުގަދަކޮށްދެއެވެ.

މި ދިރާސާ ހެދިފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ 21 ކިރުމައިން ހިމަނައިގެންނެވެ. މި އެންމެންނަކީ 2020ވަނަ އަހަރުގެ ޑިސެމްބަރާއި 2021 މާޗުމަހުގެ ނިޔަލަށް ދުވަހަކުވެސް ކޮވިޑް ޖެހިފައި ނުވާ ބައެއްކަން ވަނީ ޔަގީންކޮށްފައެވެ. މި މުއްދަތަކީ ކޮވިޑް ވެކްސިން، ފައިޒާ އަދި މޮޑާނާ ޖެހުމުގެ ހުއްދަ މި މީހުންނަށް ލިބުނު މުއްދަތެވެ.

މި އެންމެންގެވެސް ހަށިގަނޑުން އުފައްދާ ކިރުން އަދި ލެއިން ތަހުލީލުތައް ކުރުމަށް ތިން ފަހަރެއްގެ މަތީން ސާމްޕަލް ވަނީ ނަގައިފައެވެ. ވެކްސިން ޖެހުމުގެ ކުރީންނާއި ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހު، އަދި ވެކްސިންގެ ދެވަނަ ޑޯޒަށްފަހު މާސްކުތައް ވަނީ ނަގައިފަ އެވެ. މި ތަހުލީލުތަކުން ދައްކާފައިވާ ގޮތުގައި ދެވަނަ ޑޯޒަށްފަހު މައިމީހާގެ ލެޔާއި ކިރުގައި ވަނީ ގިނަ އަދަދަކަށް އެންޓިބޮޑީ އުފައްދައިދީފައެވެ. ވެކްސިން ނުޖަހަނީސް ނެގުނު ސާމްޕަލް އާ އަޅައިބަލާއިރު، އެންމެފަހުގެ ސާމްޕަލްތަކާއި ލެޔާއި ކިރުގައި އެންޓިބޮޑީ 100 ގުނަ އިތުރުކޮށްދީފައިވާ ކަމަށް ނަތީޖާއިން ވަނީ ދައްކާފައެވެ.

ދިރާސާގެ ހިއްސާދާރެއް ކަމަށްވާ ޑރ. ޖޯސެފް ލާކިން ބުނެފައިވަނީ މިދިރާސާއަށްފަހު ދެން އެނގެން ބޭނުންވަނީ ތުއްތުކުދީންނަށް ލިއްބައިދޭ އެންޓިބޮޑީ ހިމެނޭ ކިރުގެ ސަބަބުން ކޮވިޑާއި ދެކޮޅަށް އެކުދިންގެ ހަށިގަނޑުގައި ރައްކާތެރިކަން އުފައްދައިދެނީ ކިހާވަރަކަށްތޯއެވެ. މީގެއިތުރުންވެސް މައިމީހާގެ ކިރުގައި އުފައްދާ އެންޓިބޮޑީ ހުންނަނީ ކިހާ މުއްދަތަކަށްތޯ އާއި ވައިރަސް އާ ދެކޮޅަށް މަސައްކަތްކުރަނީ ކިހާވަރަކަށްތޯ ބެލުމަށް އިތުރަށް ދިރާސާތައް ކުރުން މުހިއްމުކަމުގައި ވަނީ ފާހަގަކޮށްފައެވެ.

އޭނާ ބުނެފައިވާ ގޮތުގައި މިފަދަ ދިރާސާތަކުންވެސް މައިމީހާގެ ކިރުން ތުއްތު ދަރިފުޅަށް ލިއްބައިދޭ ފައިދާތައް އިތުރަށް އެނގި ހާމަވަމުން އަންނަ ކަމަށާއި މިއީ އަދިވެސް ބަލައި ދިރާސާކުރުން މުހިއްމުކަމެއް ކަމަށެވެ.