ޕޯޗުގަލްގެ ކެޕްޓަން، ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި ދެން ދާނެ ކުލަބެއް ހޯދުމަށް އޭނާގެ އެޖެންޓް ޖޯޖު މެންޑޭޒް އިޓަލީއަށް ގޮސް މަޝްވަރާތައް ފަށައިފިއެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑުގައިވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ރޮނާލްޑޯ މިވަގުތު އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުންދާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުން ރޮނާލްޑޯ މިހާރު ބޭނުން ވަނީ ޔުވެންޓަސް ދޫކޮށްލާށެވެ. އަދި އެކަމަށް ބޭނުންވެ ރޮނާލްޑޯ ޔުވެންޓަސް ބޯޑުގެ ކިބައިން އެދިފައިވާ އިރު، އަދި ރޮނާލްޑޯ ގެންދަން އެއްވެސް ކުލަބަކުން ރަސްމީކޮށް މަސައްކަތް ކޮށްފައެއް ނުވެއެވެ.
ގިނަ ނޫސްތަކުން ބުނެފައިވާ ގޮތުގައި ރޮނާލްޑޯގެ ނުފޫޒުގަދަ އެޖެންޓް މެންޑޭޒް، އިޓަލީގައި ގިނަ ބައްދަލުވުންތަކެއް ބާއްވާނެއެވެ. އަދި ޔުވެންޓަސްއާ އެކު ވާހަކަ ދައްކައި ރޮނާލްޑޯގެ ކޮންޓްރެކްޓުގެ ތެރެއިން އެހެން ކުލަބަކަށް ބަދަލުވާން ފުރުސަތެއް ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށްވެސް ބެލެވެއެވެ.
އިނގިރޭސި އެންމެ ވަރުގަދަ ކުލަބު މެންޗެސްޓާ ސިޓީން ފޯވަޑެއް ހޯދުމަށް މަސައްކަތް ކުރަމުންދާ އިރު، ރޮނާލްޑޯގެ ޓްރާންސްފާއާ އެންމެ ބޮޑަށް މިވަގުތު ގުޅިފައި އޮތީ ސިޓީއެވެ. ނަމަވެސް ސިޓީން ވަނީ ރޮނާލްޑޯއަށް ޔުވެންޓަސް އިން ކިޔަމުންދާ އަގަށް އިންކާރު ކޮށްފައެވެ. ގެބްރިއަލް ޖީސަސްއާ އެކު ސިޓީން އިތުރު 30 މިލިއަން ޕައުންޑް ރޮނާލްޑޯއަށް ހުށަހަޅަން ޔުވެންޓަސް އިން ބޭނުން ނަމަވެސް، ސިޓީން އެފަދަ ބޮޑު ފައިސާއެއް ރޮނާލްޑޯއަށް ހަރަދު ކުރަން ދަނީ އިންކާރު ކުރަމުންނެވެ.
ރޮނާލްޑޯ 2018 ވަނަ އަހަރު ޔުވެންޓަސްއަށް ގުޅިފައިވާ އިރު، އޭނާގެ އެއްބަސްވުމުގައި މިހާރު ބާކީ އޮތީ އެއް އަހަރެވެ.
ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލާނެ ކަމަށް ހަބަރުތައް ފެތުރުމުން މެޗުގެ ކުރިން ކަހަލަ ގޮތަކަށް ޔުވެންޓަސްގެ ނައިބު ރައީސް، ޕައުލް ނެޑުވެޑު ވަނީ އެ މައްސަލަ ސާފުކުރުމަށް މީޑިއާއާ ވާހަކަ ދައްކައިފައެވެ. ނެޑްވެޑު ބުނެފައި ވަނީ ރޮނާލްޑޯ ބެންޗުން މެޗު ފެށީ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށާއި ޔުވެންޓަސްގައި ރޮނާލްޑޯ މަޑުކުރާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދޭ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު