ގްރޫޕު މާރާމާރީތަކާއި ތަޅާފޮޅުންތަކަށް ފަހު މާލެ ސަރަހައްދު އަމާންވިތާ މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް މިވަނީ ޒުވާނަކަށް ގުރޫޕަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ. އިއްޔެ ހެނދުނު 10:13 ހާއިރު ސޯސަން މަގުގައި ހުންނަ ރޯޝަނީ ބިލްޑިން ކައިރީ ހިންގި މި މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. ތިން މީހުންގެ ގްރޫޕަކުން ގޮސް ވަޅި ހެރީ އެ ޒުވާނާގެ ކަރަށެވެ.

ޒަހަމްވި ޒުވާނާގެ އާއިލާގެ މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި އެ ޒުވާނާ އިއްޔެ ހެނދުނު ގެއިން ނުކުތީ ފައިސާ ނެގުމަށް އޭޓީއެމަށް ދިއުމަށް ކަމަށް ބުނެ އެވެ. އޭޓީއެމަށް އޭނާ ދިޔައީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާވެސް ގޮވައިގެން ސައިކަލުގައެވެ. ޒަހަމްވި ޒުވާނާ، އޭނާގެ ލޯބިވެރިޔާއާ އެކު ދުއްވާފައި ގޮސް ސޯސަން މަގު ކޮޅުގައި ހުންނަ މިސްކިތް ކައިރީ މަޑުކޮށްލި ވަގުތު ދެ ސައިކަލެއްގައި ދިޔަ ތިން މީހުންގެ ގްރޫޕަކުން އެ ދެމީހުން ވަށައިލުމަށް ފަހު ވަޅި ޖެހީ ޒުވާނާގެ ވައަތު ފަރާތު ކަރަށެވެ. އެއިރުވެސް އޭނާގެ ލޯބިވެރިޔާ ކައިރީގައި ހުއްޓެވެ.

ވަޅި ހެރުމާ އެކު ޒުވާނާ އަވަސްވެގަތީ ފަރުވާ ހޯދުމަށް ދިއުމަށެވެ. އެހެންކަމުން އޭނާ މަސައްކަތްކުރީ ސައިކަލުގައި އެންމެ ކައިރީގައި ހުރި އޭޑީކޭ ހޮސްޕިޓަލަށް ދެވޭތޯ އެވެ. އެއިރުވެސް ކަރުން ހޯސް ލާފައި އޮލަ ލޭތައް ފައިބަމުން ދިޔައެވެ. ބާރު ސްޕީޑުގައި ޒުވާނާއަށް ދެވުނީ އޭޑީކޭގެ ބޭރު ދޮރާ ހަމައަށެވެ. އެހާ ހިސާބުން ހޭނެތި، ސައިކަލާއެކު މަގުމައްޗަށް ވެއްޓުނީއެވެ. އޭނާ އޭޑީކޭއަށް ވެއްދީ އެތަނުގައި އެވަގުތު ހަރަކާތްތެރިވި އާންމު ރައްޔިތުންނެވެ.

"އެމީހުން ވަޅި ހެރުމުން ރައްޓެހިވެގެން އުޅޭ ކުއްޖާ ސައިކަލުން ބޭލުމަށް ފަހު ސައިކަލުގައި ކޮއްކޮ ބެލީ އޭޑީކޭއަށް ދެވޭތޯ. އޭޑީކޭއާ އަރައި ހަމަވިތަނާ ހޭނެތިގެން ވެއްޓުނީ.." އާއިލާގެ މީހަކު "ވަން" އަށް ކިޔައިދިނެވެ.

ޒުވާނާއަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު މިހާރު އަންނަނީ އަައިޖީއެމްއެޗަށް ބަދަލުކޮށް އައިސީޔޫގައި ފަރުވާ ދެމުންނެވެ. ކަރަށް ވަޅި ހެރުމުގެ ސަބަބުން ޒުވާނާގެ ކަރުގެ ވައަތްފަރާތުގައި ހުރި ނާރުތައް ބުރިވެ، ނޭވާ ހޮޅިވެސް ވަނީ ފޫގޮސްފައެވެ.

"ހަމަ މަރަން ހަމަލާދީފައި އެހުރީ ސީދާ ކަރަށް. އެނޫން ނަމަ ކީއްކުރަންތޯ ކަރަށް ޖަހަން ވީ، ބުރަކައްޓަށް ނޫނީ އެނޫންވެސް ތަނަށް ޖަހަންވީނޫންތޯ؟ ވަޅި ހެރުމުން ނޭވާލާ ހޮޅިވެސް ވަނީ ބުރިވެފައި. އަރިމަތީގައި ހުރި ނާރުތައްވެސް ވަނީ ބުރިވެފައި. ޑޮކްޓަރުން ވިދާޅުވަނީ ބޮޑު ސާޖަރީއެއް ކުރަން ޖެހޭނެ ކަމަށް. އަދިވެސް ހެއެއް ނާރާ، އެންމެ ދެރަވަނީ އެހެންވެ، ހާލު ވަރަށް ސީރިއަސް" އާއިލާއިން "ވަން" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ހަމަލާގައި އަނިޔާވި ޒުވާނާއަށް ހަމަލާ ދިން ސަބަބު އާއިލާއަށް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް އެއީ ލޯބީގެ މައްސަލައަކާ ގުޅުން ހުރި ކަމެއް ކަމަށް އާއިލާއަށް ކޮންމެވެސް ވަރަކަށް ލަފާކުރެވެ އެވެ.

"ކޮއްކޮއަކީ އަނެއްހެން ގޭގައި އިންނަ ކުއްޖެއް. ބޭރަށް ދިޔަސް ބިޓާ އެކީގައި ދާނީ. އެއްވެސް ގޭންގަކާ ގުޅުމެއް އޮތް ކުއްޖެއް ނޫން އެއީ. މިހާރު ރައްޓެހިވެގެން އުޅޭ ކުއްޖާއާ ރައްޓެހިވީ ވަރަށް ފަހުން. މަހެއްހާ ދުވަސް އަދި ވާނީ.." އާއިލާގެ މެންބަރު ބުންޏެވެ.

މި މާރާމާރީގެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެ މާރާމާރީގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.