ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ، ބަދުރުގެ ދުވަހު އަބޫޖަހުލަށް ހެދި ގޮތް އެމަނިކުފާނަށް ހަދައިލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް މީހަކު އިންޒާރު ދިނުމާ ގުޅިގެން ފުލުުހުން ހާޒިރު ކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ ބޭފުޅުން 241 ކޮމިޓީއަށް ހާޒިރު ކުރީ ރައީސް ނަޝީދަށް އިންޒާރު ދިން މީހާއާބެހޭ މައުލޫމާތުތަކެއް ސާފު ކުރުމަށެވެ.
މިއަދު އެގާރަ ޖެހިއިރު ކޮމެޓީގެ ބައްދަލުވުން ފެށުމާއެކު، އެ މައްސަލައަކީ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަަމަށް ވިދާޅުވެ ކޮމެޓީގެ ބައްދަލުވުން ސިއްރު ކުރެއްވުމަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.
އެ ހުށަހެޅުން ފާސްކުރީ އެވަގުތު ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސް ނަޝީދަށް އިންޒާރު ދިން މީހާ ފުލުހުން ހައްޔަރުކޮށް، މުއްދަތު ޖެހުމަށް އިއްޔެ އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅިގެން އޭނާ 15 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
ފުލުހުން ބުނީ ރައީސް ނަޝީދަށް އިންޒާރު ދިން މީހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އުމުރުން 40 އަހަރުގެ އެމީހާ ހައްޔަރު ކުރީ ރ. މީދޫންނެވެ.
ނަމަވެސް ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެމީހާގެ ބަންދަށް 15 ދުވަސް ވެސް ޖަހާފައިވާ ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން ކުރި، ފޭސްބުކް ވީޑިއޯ ޕޯސްޓެއްގައި ރައީސް ނަޝީދަށް އިންޒާރުދީ އޭނާ ބުނެފައި ވަނީ، "ރައީސް ނަޝީދު ދެން ރާއްޖެ އަތުވެއްޖެ ނަމަ ބަދުރު ދުވަހު އަބޫޖަހުލަށް ހެދި ގޮތް ހަދާނަން،" ކަމަށެވެ.
އަބޫޖަހުލު ގަތުލު ކޮށްލީ ބަދުރު ހަނގުރާމައިގަ އެވެ.
މިއަހަރުގެ މެއިމަހުގެ ހަ ވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާއެއްގައި ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެން އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގެން އެގައުމުން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ