މުޒާހަރާ ކުރަން ނުކުމެ އުޅޭ ވަގުތުތަކުގައި، އެމްއެންޑީއެފްއިން ދޭ ވީއައިޕީ ސެކިއުރިޓީ، ކުރީގެ ރައީސުންނަށް ދޭން ނުޖެހޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.

ކޮމިޓީން މިގޮތަށް ނިންމީ "އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު" އަށް ބަދަލު ގެނައުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައެވެ.

އެ އުސޫލަށް މި ބަދަލު ގެންނަން ހުށަހެޅުއްވީ، ވެރިކަންކުރާ ޕީއެންސީގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

އެގޮތަށް ކޮމިޓީން ފާސްކުރީ، ޕީއެންސީ މެމްބަރުންގެ ވޯޓުންނެވެ.

އެކަމާ ދެކޮޅަށް އިދިކޮޅު އެމްޑީިޕީގެ، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އާއި މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެމްބަރު މުހައްމަދު ނާޒިމް އާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

ކޮމިޓީ ބައްދަލުވުން ފެށުމާ އެކު ސިއްރުކޮށްފައިވާތީ، މި ބަދަލު ގެނައި އިތުރު މައުލޫމާތެއް ސާފެއް ނުވެއެވެ.