ބާރުތައް ކޮންޓްރޯލު ކުރަން މި ސަރުކާރުން ބޭނުން ނުވާކަން ވަރަށް ސާފު ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުންފުޅުވަނީ، ރަށްރަށަށް ބާރުތައް ދީގެން ތަނަވަސްކަމާއި ތިޔާގިކަން ރަށްރަށަށް ހޯދައިދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ވިއްކުމުގެ ބާރު، ކައުންސިލްތަކަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުން، ބިމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް ކުރިއަށްދާ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
ސަލީމް ވިދާޅުވީ، ތަނެއް ތަރައްގީ ވުމަށް މައިގަނޑު ތިންކަމެއް ބޭނުންވާ ކަމަށެވެ. އެއީ ބިމާއި ފައިސާ އާއި އިންސާނީ ވަސީލަތް ކަމަށެވެ.
އޭގެ ތެރެއިން މާލިއްޔަތުގެ ގާނޫނު އިސްލާހުކޮށް ކައުންސިލްތަކަށް ބާރުދޭން މަސައްކަތް ފަށާފައިވާ ކަމަށާއި، މިއަދު މިފެށީ ބިމާބެހޭ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.
ކައުންސިލްތަކަށް ބާރުދޭން މި ސަރުކާރުން ގެންދަނީ ރެކޯޑް އަދަދަކަށް މަސައްކަތް ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރުގެ އަމާޒު ވަރަށް ސާފު ބާރުތައް ކޮންޓްރޯލް ކުރަން މި ސަރުކާރުން ބޭނުން ނުވާކަން މިކަންކަމުން ދޭހަވޭ، މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ ލާމަރުކަޒު ކުރުމުގެ މަޝްރޫއު، މި ދަތި އުނދަަގޫ ދުވަސްވަރުގައި ވެސް އެމަސައްކަތް ހަލުވިކަމާއެކު ކުރިއށްގެންދާތަން ފެނޭ،"
ސަލީމް އިތުރަށް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު، ބިމުގެ ކަންތައް އޮތީ، ވެރިކަމުގެ ފަރާތުން ފަތްކޮޅު ދީގެ ކަތީބުން އައްޔަނު ކުރި ޒަމާނުގައިވެސް ނެތް ވަރަށް ދަށަށް ގޮސް، ހުރިހާ ބާރުތަކެއް ރައީސްގެ ބާރުގެ ދަށަށް ޖަމާކޮށްފައި ކަމަށެވެ.
ނަމަވެސް ބާރެއް ދޫކޮށްލުމަކީ ވެރިކަން ބަލިކަށި ވެދާނެ ކަމެއް ކަމަށް ގަބޫލުކުރި ވެރިން ފެނިގެންދިޔަ ނަމަވެސް މިއަދު މިފެންނަނީ ހެޔޮ ވެރިކަމެއްގެ ސިފަތައް، ކަމަށާއި، ބާރުތައް ބެހިގެންދާ ގޮތަށް ވެރިކަން ހިންގުން ބައްޓަން ވެގެންދާ މަންޒަރު ކަމަށްވެސް ވިދާޅުވިއެވެ.
"1960 އިގެ އަހަރު ތަކާ ހަމައަށް އައިސް ރޭޑިއޯ ޓެލެފޯނާ ހަމައަށް އައިސް އެތަކެތި މެދުވެރިކޮށް ރަށްރަށާ މުއާމަލާތް ކުރެވޭ ހިސާބުން ފެށިގެން ފެނިގެން ދިޔައީ ބާރުތައް މާލެއަށް ޖަމާކުރަމުންދިޔަ މަންޒަރު، ހުރިހާ ކޮންޓްރޯލެއް މައި ސަރުކާރަަށް، އޭގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރީގެ ހުރިހާ ފުރުސަތުތަކެއް މާލެއަށް ފަހިވެ ރަށްރަށުގައި ހިންގަމުންދިޔަ ވިޔަފާރިތައް ހުއްޓި ވިޔަފާރިވެރިން މާލެއަށް އަންނަން މަޖުބޫރު ވި، މިސަރުކާރުން ބޭނުންވަނީ ރަށްރަށަށް ބާރުތައް ދީގެން ތަނަވަސްކަމާއި ތިޔާގިކަން ރަށްރަށް ހޯދައިދޭން،"
ސަލީމް ވިދާޅުވީ، ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި، މިނިސްޓްރީތަކުން ކައުންސިލްތަކާ ހަވާލު ކުރާ ބިންތައް ހަވާލު ކުރުމާއި ވަކިކުރުމާ ގުޅޭ ހަރުދަނާ، ދެފުށް ފެންނަ އުސޫލެއް ގާއިމު ކުރުން ލާޒިމްކުރާ ކަމަށެވެ. އޭގެ ސަބަބުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ރުހޭ ވަގުތު ބިން ދީ، ނުރުހޭ ވަގުތު ބިން އަތުލާ ސަގާފަތަށް ހައްލު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް ބިން އަތުލެވޭ ދޮރު މި ބަދަލުގެ ސަބަބުން ބަންދުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.