މާލެ އާއި ވިލިނގިއްޔާއި ތިލަފުށި އަދި ގުޅީފަޅު ގުޅައިލުމަށް އަޅާ ތިލަމާލެ ބުރިޖު މަޝްރޫއަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު، ކަމަށާއި އެ މަޝްރޫއުގައި މާދަމާ ސޮއިކޮށް ދެ އަހަރު ތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާ ހިލޭ އެހީ އަދި ލައިން އޮފް ކްރެޑިޓްގެ ދަށުން ހަދާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްޕީސީ) އެގްރީމެންޓް ގައި ދިވެހި ސަރުކާރުން ސޮއިކުރަނީ އިންޑިއާގެ އެފްކޮންސް ކޮމްޕެނީއާ އެކުގައެވެ.

އިންޑިއާ ސަރުކާރުގެ ސަތޭކަ މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ، މި ޕްރޮޖެޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 2019 ވަނަ އަހަރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ހުށަހެޅުއްވި ޕޮރޮޖެކްޓެއް ކަމަށެވެ.

މި ބްރިޖުން ގުޅީފަޅުގައި ހަދާ ބައިނަލްއަގްވާމީ ބަނދަރާއި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާ ގުޅައިލެވުމުން މި ޕްރޮޖެކްޓް ރާއްޖޭގެ އިގްތިސޯދީ މައި އިންޖީނަށް ވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މަޝްރޫގެ ފުލް ރިޕޯޓު އެކުލަވާލީ ހޮންކޮންގް ގެ އިންފްރާސްޓްރަކްޗާސް ކޮންސަލްޓަންޓް ފާމް އަރުޕް އެލްޓީޑީން ކަމަށްވެސް ބުނެފައިވެއެވެ.

"6.7 ކިލޯމީޓަރުގެ ދިގު ބްރިޖުތަކާއެކު/ކޯޒްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއަރޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ. މާލެ އަދި ވިލިނގިލި އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.،" އިންޑިއަން ހައިކޮމިޝަނުން ބުނެފައިވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި 1.4 ބިލިއަން ޑޮލަރުގެ އިގްތިސޯދީ ޕެކޭޖެއް އިއުލާން ކުރިއެވެ.

އޭގެ ތެރޭގައި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެއާޕޯޓު ތަރައްގީ ކުރުމާއި، ފަޅުހިއްކުމާއި، ބަނދަރު ހެދުމާއި، މަސް ފެކްޓްރީ ތަރައްގީ ކުރުމާއި، ކްރިކެޓް ދަނޑުތައް ހެދުމުގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން ފަދަ ޕްރޮޖެކްޓްތައް ހިމެނެއެވެ.

އޭގެ ތެރެއިން 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތާއި، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އިންޑިއާއިން 30 ކޮމިއުނިޓީ ޕްރޮޖެކްޓްވެސް ކުރިއަށް ގެންދާއިރު އޭގެ ތެރެއިން 15 ޕްރޮޖެކްޓް ވަނީ ނިމިފައެވެ.

އިންޑިއާ އާއި ރާއްޖޭއާ ދެމެދު އޮންނަ ގުޅުން ފުޅާކޮށް ތަރައްގީ ކުރުމަކީި ދެސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަން ދޭކަމެއް ކަމަށާއި، މި ސަރުކާރުގެ ރިޔާސީ އެންމެ ބޮޑު ވައުދު ކަމުގައިވާ ޖީއެމްޕީސީ ޕްރޮޗެކްޓް ހަގީގަތަކަށް ހަދަން ބައިވެރިވުމަކީ އިންޑިއާ އަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށާއި، މި ޕްރޮޖެކްޓްގެ ސަބަބުން ރަށްތައް ގުޅާލުމުގެ އިތުރުން އިގްތިސޯދީ ގޮތުން ވެސް ވަރަށް ބޮޑު ކުރިއެރުން ލިބިގެން ދާނެ ކަމަށް ހައިކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.