ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށާއި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެހީތެރިކަން ދިނުމުގެ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ރިޒާވް ބޭންކް އޮފް އިންޑިއާ ދެމެދު ހަމަޖައްސާފައިވާ 30 ބިލިއަން އިންޑިއަން ރުޕީސް (319 މިލިއަން ޑޮލަރު)ގެ ކަރަންސީ ސުވަޕް ފެސިލިޓީ އިތުރު މުއްދަތަކަށް ފަސްކޮށް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނީ، ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސް ދޫކުރަން އެއްބަސްވިއެވެ. މިއީ ސާކް ގައުމުތަކަށް ހާއްސަކޮށްފައިވާ ކަރަންސީ ސުވަޕް އިންތިޒާމުގެ ދަށުން ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއިން މި ސްވޮޕް ފެސިލިޓީ ނަގާފައިވަނީ މި އަހަރުގެ އޭޕްރީލް 23 ގައެވެ. ކަރެންސީ ސްވޮޕް ފެސިލިޓީއަކީ ތިން މަހަށް ދޫކުރާ ކުރު މުއްދަތުގެ ފައިނޭސިން ފެސިލިޓީ އެކެވެ. މި އެއްބަސްވުމުގެ ދަށުން 30 ބިލިއަން ރުޕީސްގެ ފުރަތަމަ ބައި ރާއްޖެއަށް ދޫކޮށްފައިވަނީ 23 އެޕްރީލް 2026 ގައެވެ.
ހައި ކޮމިޝަނުން ބުނީ 2012 ވަނަ އަހަރު މި އޮނިގަނޑު ތައާރަފު ކުރި ފަހުން އިންޑިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ސުވަޕް އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެވެ.
ހައި ކޮމިޝަނުގެ ބަޔާނުގައިވާ ގޮތުން ކަރެންސީ ސްވޮޕާއި ޓީބިލް ފެސިލިޓީގެ އިތުރުން ދިގު މުއްދަތުގެ ޓީ ބޮންޑު ދެ ފެސިލިޓީއެއް ވެސް ރާއްޖެއަށް ދޫކޮށްފައިވެއެވެ. އެއީ 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ޓީ ބޮންޑް ދެ ފެސިލިޓީއެވެ.
މީގެ އިތުރުން ސަރުކާރުން މި އަހަރު ވަނީ 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް އަނބުރާ ދައްކައިފައެވެ. އަދި ސަރުކާރުން ވަނީ މިދިޔަ ސެޕްޓެމްބަރު އިންޑިއާ ސަރުކާރުން އިޝޫކުރި 50 މިލިއަން ޑޮލަރުގެ ޓީބިލް ވެސް ދައްކައި ހަލާސްކޮށްފައެވެ. އެއީ 2019 ވަނަ އަހަރު އިންޑިއާ ސަރުކާރު މެދުވެރިކޮށް ތިން ބުރެއްގެ މައްޗަށް ނެގި 150 މިލިއަން ޑޮލަރުގެ ދަރަންޏެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނީ އެ ތިން ޓީބިލްގެ އިންޓްރެސްޓް ރޭޓް ދައްކާފައިވަނީ އިންޑިއާ ސަރުކާރުން ކަމަށާއި އިންޓްރެސްޓް ރޭޓުގެ ގޮތުގައި 43 މިލިއަން ޑޮލަރު ދެއްކި ކަމަށެވެ.
ހައިކޮމިޝަނުން ބުނީ މި ކަރަންސީ ސުވަޕް ފެސިލިޓީ އާއި ޓީ-ބޮންޑް އަދި ޓީ-ބިލްތަކަކީ ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށް ލިބިގެންދިޔަ ވަރަށް މުހިންމު އެހީއެއް ކަމަށެވެ.
އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި ސަރަހައްދީ ސަލާމަތާއި ކުރިއެރުމަށް އެކުލަވާލާފައިވާ "ވިޝަން މަހާސާގަރު" ގެ ދަށުން ރާއްޖެއަކީ އަބަދުވެސް ވަރަށް ހާއްސަ އިސްކަމެއް ދެވޭ ގައުމެއް ކަމަށެވެ. އިތުބާރު ހިފޭ، ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އޮވެ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅުގައި އެއްބަސްވެވުނު އިގުތިސޯދީ އަދި ކަނޑުގެ ސަލާމަތާ ބެހޭ ގުޅުންތައް ތަންފީޒު ކުރުމުގައި އިންޑިއާއިން ދެމި އޮންނާނެ ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.
އިންޑިއަން ހައިކޮމިޝަން
އިންޑިއަން ހައިކޮމިޝަން
އިންޑިއަން ހައިކޮމިޝަން
ކޮމެންޓް