އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޔޫތް މިނިސްޓްރީން ބުނީ އެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ މެންދުރު ފަހު ފޮރިން މިނިސްޓްރީގައި ކަމަށެވެ.

އެ ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަންއެވެ.

އެ މަޝްރޫއު ތަންފީޒުކުރާ ސަރުކާރުގެ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

20 ޖުލައި 2026: އިންޑިއާގެ ހިލޭ އެހީގެ ދަށުން، 42 ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދަން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު --- ފޮޓޯ/ ސަރުކާރު ނިއުސް

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، އެސެންޓަރުތަކަށް ސާމާނު ފޯރުކޮށްދިނުމަކީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އާލާކުރުމަށް މަގުފަހިވެ، ފެންވަރު ރަނގަޅު ދުޅަހެޔޮ ސިއްހަތެއް ލިބޭނެ މަގު ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"އެއީ އަންހެނުން ބާރުވެރިކުރުވުމަށާއި ހަމަހަމަކަމާއި، އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމަށް ލިބޭ ކުރިއެރުމެއް." ފޮރިން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ރާފިއުގެ ވާހަކަފުޅުގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ، އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މުހިންމު މަރުކަޒުތަކަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

20 ޖުލައި 2026: އިންޑިއާގެ ހިލޭ އެހީގެ ދަށުން، 42 ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދަން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު --- ފޮޓޯ/ ޔޫތް މިނިސްޓްރީ

"މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ހިތްވަރުގަދަކަން އިތުރުވެގެންދާނެ." މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދެ މިނިސްޓަރުން ވަނީ އިންޑިއާ ސަރުކާރުން ދޭ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، އެ އެހީތެރިކަމަކީ ދިވެހި މުޖުތަމައުތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމެއްކަން ފާހަގަކުރައްވައިފައެވެ.