އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެކުލަވައިލެއްވި "ވިޝަން ޑޮކިއުމަންޓް" ތަންފީޒުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޖީ ބާލަސުބްރަމަނިއަން ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެން "މޯލްޑިވްސް އިންޑިޕެންޑެންޓް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި ބާލަސުބްރަމަނިއަން ވަނީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ، އިގުތިސާދީ، ޑިޖިޓަލް، ހަކަތަ އަދި ސިވިލް އާއި އަސްކަރީ ދާއިރާއިން އޮތް ގުޅުންތައް އިތުރަށް ފުޅާވަމުންދާކަން ފާހަގަކުރައްވައިފައެވެ.
ސަފީރުގެ އިންޓަވިއުގައި ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާފައިވަނީ ދެ ގައުމުގެ އާންމު ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށެވެ. އެގޮތުން އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމާއި، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ދާއިރާއިން އިންޑިއާއިން ދެމުންދާ އެހީތަކަށް އަލިއަޅުއްވައިލައްވަމުން ސަފީރު މައުލޫމާތުދެއްވި ގޮތުގައި، ކޮންމެ އަހަރަކުވެސް ރާއްޖޭގެ ސިވިލް އަދި އަސްކަރީ ދާއިރާގެ 1،600 އަށްވުރެ ގިނަ މުވައްޒަފުންނަށް އިންޑިއާއިން ތަމްރީނު ފުރުސަތުތައް ފޯރުކޮށްދެއެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ކަނޑުގެ އަދި ވައިގެ ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތްތަކާއި ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ ގަވާއިދުން ކުރާ ކާގޯ ދަތުރުތައް ސަފީރު ފާހަގަކުރެއްވިއެވެ. ދެ ގައުމުގެ ތާރީހީ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން ސަފީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއަކީ އެއް ކަނޑެއް ހިއްސާކުރާ، އިގުތިސާދީ އަދި ސަގާފީ ގޮތުން ދިގު ތާރީހެއް އޮތް ދެ ގައުމު ކަމަށެވެ.
ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ދެމެދުގައި ސައިންސާއި، ޓެކްނޮލޮޖީ، އިއާދަކުރަނިވި ހަކަތަ އަދި ޑިޖިޓަލް މާލީ ނިޒާމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް "ވިޝަން ޑޮކިއުމަންޓް" ގެ ދަށުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް