ރާއްޖެއަށް ބޭސް ލިބުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށާއި، ސިއްހީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދައުލަތުގެ ބޭސް ކުންފުނި (ސްޓޭޓް ފާމާ)އިން އިންޑިއާއާއެކު މަޝްވަރާތެއް ކުރިއަށް ގެންގޮސްފިއެވެ.
އިއްޔެ ބޭއްވި އެ މަޝްވަރާގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖ. ބަލަސުބްރަމަނިއަމް އަދި ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރެވެ.
އިންޑިއާ ހައި ކޮމިޝަނުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ސިއްހީ އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ބާވަތްތައް އެއްވެސް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް ހައިކޮމިޝަނުން ބުންޏެވެ.
މިހާރު ރާއްޖޭގައި ބައެއް މުހިންމު ބޭސްތައް ނުލިބިގެން އާންމުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާތީ، އިންޑިއާގެ ބޭސް އުފައްދާ ބޮޑެތި ކުންފުނިތަކާ ސީދާ ގުޅުން ގާއިމުކޮށް، ހެޔޮ އަގުގައި ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމަށް ވަނީ ރޭވިފައެވެ.
ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޝާހު ވިދާޅުވީ ބޭސް ލިބުމުގައި ދަތިތައް ކުރިމަތިވަނީ ރާއްޖޭގެ ސަޕްލައިޗެއިން ނިޒާމު އެންމެ އެކަށީގެންވާ ގޮތެއްގައި ތަރައްގީވެފައި ނެތުމުގެ ސަބަބުން ކަމަށެވެ.
އެހެންކަމުން، އިންޑިއާ ފަދަ ބޭސް އުފެއްދުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ މި މައްސަލައަށް އޮތް ބޮޑު ހައްލެއްކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް