ޚަބަރު

އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައި ބަހުސް ފަށައިފި

އިބްރާހިމް ޒަކީ

މުވާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާއްމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލަކުން، އިސްލާމްދީނަށް ފުރައްސާރަކުރުން އެއީ ޖިނާއީ ކުށަކަށް ހެދުން ތަފްސީލު ކުރުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ބިލު ހުށަހަޅައި ބަހުސް ފަށއިފިއެވެ.

ސަރުކާރުގެ ފަރާތުން ފޮނުވި މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އެވެ.

ގާނޫނުލް އުގޫބާތަށް އިތުރު އިސްލާހެއް ހިސާން ހުށަހަޅުއްވާފައި މިވަނީ، މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ހުށަހެޅުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒު ވެފައި ވަނިކޮށެވެ.

އިސްލާމް ދީނާ އިދިކޮޅު އަމަލުތައް އިތުރަށް ތަފުސީލުކުރުމަށް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ.

ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގައި ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށްތައް ކަނޑައަޅާފައިވާއިރު، އެ މާއްދާއަށް އިތުރު ކުރަން ހިސާން ހުށަހަޅުއްވާ އިސްލާހުގައި ވަނީ، މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާއްމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަމަށެވެ.

މި އިސްލާހަކީ އެ މާއްދާގައި އޮންނަ ގޮތާ މާބޮޑު ތަފާތެއް ހިމެނޭ އިސްލާހެއް ނޫނެވެ.

ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ އެކެއްގައި މިހާރު ބުނެފައި ވަނީ މުއާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އާއްމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑު ކިޔައި، ދީނީ ތަގުރީރު ކުރުމަކީ ކުށެއް ކަމަށެވެ.

ހިސާން ހުށަހަޅުއްވާފައިވާ އިސްލާހުގައި ހަމަ އެކަނި ތަފާތު ވަނީ "އެނޫންވެސް ގޮތަކަށް" މި ޖުމުލަ އެކަންޏެވެ.

މި ބިލު ހުށަހަޅުއްވަމުން ހިސާން ވިދާޅުވީ، މިއީ މިހާރަށް ވަރަށް މުހިއްމު ބިލެއް ކަމަށެވެ. ރާއްޖޭގެ އިސްލާމީ ވެށި ހިމާޔަތް ކުރުމާއި، އިސްލާމީ އަގު ކުރުންތައް މަތިވެރި ކުރުމަށް ޓަކައި މި ބިލު މުހިއްމު ދައުރެއް އަދާކުރާ ކަމަށްވެސް ވިދާޅުވިއެވެ. އަޅުގަނޑުމުގެ މުޖުތަމައުގައި މަދުން ނަމަވެސް އިސްލާމްދީނަށް ކުޑައިމީސް ވާ ގޮތަށް ވާހަކަ ދެއްކުމާއި، ދީނީ ޝިއާރުތަކާއި ބައެއް ކަހަލަ ތަސައްވުރުތަކަށް އިހާނެތިކޮށް ވާހަކަ ދައްކަމުންދާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

ބިލުގައި ބުނެފައި ވަނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރުވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމް ދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފުސީލުކޮށް، އެ ކުށުގެ އަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ވަކީން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފު ގޮތަށް އެ މާއްދާގައި ބަޔާން ކުރުން ކަމަށެވެ.