ލާމަރުކަޒީ ނިޒާމް

ފަޅުރަށްތަކުގެ ބާރު ކައުންސިލްތަކަށް: ލާމަރުކަޒީ ނިޒާމު ހިންގުމުގައި ސަރުކާރުގެ ނިޔަތް ސާފު: ސަލީމް

ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމާއި އެ ނިޒާމުގެ ތެރެއިން ކައުންސިލްތައް ބާރުވެރިކުރުވުމުގައި ސަރުކާރުގެ ނިޔަތް ސާފު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު، އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މެންބަރު ސަލީމް މިހެން ވިދާޅުވީ ފަޅު ރަށްރަށް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، އެ ފަރާތްތަކުން ރަށްތައް ވަކި ކުރުމުގެ ބާރު ކައުންސިލްތަކަށް ދިނުމަށް، ރާއްޖޭގެ ފަޅު ރަށްރަށާބެހޭ ގާނޫނު އިސްލާހު ކުރުމަށް ޓަކައި ސަރުކާރުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރުގެ ފަރާތުން ފޮނުވި މިބިލު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވީ، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.

މި ބިލުގެ (ށ) ގައި ބުނެފައި ވަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ހިމެނޭ ފަޅު ރަށްރަށް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، އެ ފަރާތް ފަރާތުން ވަކި ކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ރަށެއްގެ ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުން ކަމަށެވެ.

ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ، މި ބިލުގެ ހަގީގީ މަގުސަދަކީ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ކަމުގައިވާ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކޮށް ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުރު ފިޔަވަޅެއް އެޅުން ކަމަށެވެ.

"އަޅުގަނޑުމެނަށް އެބަ ފެނޭ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ތަނަށް މި މޭރުމުން ގާނޫނުތައް ހުށަހެޅެމުން ދާތަން. މީގެ މާނައަކީ ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ހިންގުމަށާއި އަދި ރަށްތައް އިދާރީ ގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން މި ގެންގުޅުއްވާ ސިޔާސަތުގެ ހަރުދަނާކަމާއި ސަރުކާރުގެ ނިޔަތް ސާފުކަން." މެންބަރު ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މިއީ ވަރަށް ބޮޑު ހެޔޮ ބަދަލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެން ނަމަވެސް މިކަން ކުރާއިރު، ކަމާ ގުޅިގެން ހެދޭ ގަވައިދުތައް ވީހާވެސް ދެފުށް ފެންނާނޭ ގޮތަކަށް ހެދިގެން، ހަރުދަނާ އުސޫލެއްގެ ތެރެއިން ފަޅުރަށްތައް އެކި ފަރާތްތަކަށް ދިނުމުގެ ކަންކަން ސީދާ ކައުންސިލްތަކުން ކުރިޔަށް ގެންދެވޭނެ ގޮތް ވުމަކީ ތާއީދު ކުރައްވާ ކަމެއް ކަމަށެވެ. އެ ގޮތުން އާންމުކޮށް އިއުލާނު ކުރުމާއި ނުލައި ކައުންސިލް ތަކުން ވެސް ރަށްތައް ނުދެވޭ ގޮތަށް ބޭއްވުމަށް ހުށަހަޅުއްވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ކައުންސިލެއްގެ އިހުތިސާސް ތެރޭގައި ހިމެނޭ ރަށެއް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ އެ ރަށެއް ނެގޭނެ ގޮތަކަށް އޮންނަ ނަމަ، އިންޑަސްޓްރިއަލް ރަށަކީ ކޮބައިކަން ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންވެފައި އޮންނާން ވާނެ ކަމަށް ސަލީމް ފާހަގަކުރެއްވި އެވެ. އެހެން ނޫނީ ގާނޫނު ތަންފީޒު ކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކައުންސިލެއްގެ އިހުތިސޯސް ތެރޭގައި ހިމެނޭ ރަށެއް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމުގެ މައްސަލައިގައި އިތުރު ހުށަހެޅުމެއް ވެސް ސަލީމް ވަނީ ހުށަހަޅުއްވައިފަ އެވެ. އެ ގޮތުން އެކަން ކުރާން ވާނީ އެރަށެއްގެ ކައުންސިލާއި ރައްޔިތުންނާ ވެސް މަޝްވަރާ ކޮށްގެން ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި މި ގޮތަށް އިހުތިސޯސުން ރަށެއް ވަކި ކުރާން ވާނީ އެ ރަށެއްގެ ކައުންސިލަށް އެކަށީގެންވާ ބަދަލެއް ވެސް ދިނުމަށް ފަހުގައި ކަމަށް ސަލީމް ވިދާޅުވި އެވެ. ބަދަލެއް ނުދޭ ގޮތަށް ރަށެއް ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި އެއީ ރަނގަޅު ގޮތެއް ކަމަށް ވެސް ދެކިވަޑައި ނުގަންނަވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

މި ގާނޫނުގެ ދަށުން ހަދާން ޖެހޭ ގަވައިދުތައް ހެދުމަށް މިހާރު ހުށަހަޅާފައިވާ 6 މަސް ދުވަހުގެ ބަދަލުގައި އެ މުއްދަތު ކުރުކޮށް 3 މަހަށް ބަދަލުކުރުމަށް ހުށަހަޅުއްވާ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.