ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް އަތޮޅުތަކުގައި ގާއިމުކުރާ އޮފީސްތަކަށް ސިޔާސީ ވެރިން އައްޔަން ނުކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން ރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ކުރީގެ "އަތޮޅުވެރިން" ނުވަތަ ސިޔާސީ އިސްވެރިން އަތޮޅުތަކަށް އައްޔަންކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި އެލްޖީއޭގެ ދަށުން ހިނގާ އިދާރީ އޮފީސްތަކެއް އުފެއްދެވި ނަމަވެސް، އެތަންތަން ހިންގުމުގައި އިސްކޮށް ތިބޭނީ ސިޔާސީ ބޭފުޅުން ނޫން ކަމަށެވެ

"ސިޔާސީ ވެރިން ލާންވެއްޖެއްޔާ ކޮބައިތޯ އޭގެ ބަދަލަކީ. އެނޫނިއްޔާ ހަމަ ކުރިން އޮތްގޮތަށް އަތޮޅު ކައުންސިލް ރައީސްވެސް ހޮވައިގެން ބަހައްޓަންވީނޫންތޯ" ރައީސް ވިދާޅުވިއެވެ.

އެލްޖީއޭއިން އަތޮޅުތަކުގައި ގާއިމުކުރާ އެ އޮފީސްތަކަށް "އެލްޖީއޭގެ އަތޮޅު އޮފީސް" އެ ނަން ދީފައިވަނީވެސް އެ އޮތޯރިޓީން ހުށަހެޅި މަޝްވަރާގެ މަތިންކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އެތަންތަނުގެ ހުރިހާ އިދާރީ ކަމެއް ބަލަހައްޓާނީ ސީދާ އެލްޖީއޭއިން ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

އިންތިހާބުކުރާ އަތޮޅު ކައުންސިލް ރައީސެއްގެ ބަދަލުގައި ސަރުކާރުން ސިޔާސީ ބޭފުޅަކު (އަތޮޅުވެރިއެއް) އައްޔަންކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ސިޔާސީ ވެރިން އައްޔަންކުރާ ނަމަ، އޭގެ ބަދަލުގައި ކުރިން އޮތް ގޮތަށް އިންތިހާބުކުރާ ރައީސަކު ބެހެއްޓުންވެސް މާ ރަނގަޅުވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ އިދާރީ ނިޒާމު ހަރުދަނާކުރުން ކަމަށާއި، ކުރީގެ އަތޮޅު އޮފީސްތަކުގެ ނިޒާމު އިއާދަކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މި ބަދަލަކީ ލާމަރުކަޒީ ނިޒާމަށް ގެނައި އިދާރީ އިސްލާހެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ.