ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ ކޮންމެ އަތޮޅަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އަތޮޅު އޮފީހެއް ހަދަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އާއިޝަތު އިކުރާމް ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި ސިޓީއެއް މިހާރުވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެ ސިޓީގައިވަނީ ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ހިދުމަތްތައް އިދާރީ ދާއިރާތަކުގައި ދިނުމަށް ގާއިމުކުރާ އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ގާއިމުކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި އެ ތަންތަނަށް ބޭނުންކުރުމަށް ފެނިވަޑައިގަންނަވާ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

އެ ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސްކަމަށް ސިޓީގައިވެއެވެ. މިސާލެއްގެ ގޮތުގައި އެ ސިޓީގައި ބަޔާންކޮށްފައިވަނީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - ބ. އަތޮޅު އޮފީސް" އެވެ.

ސިޓީގައި ބަޔާންކޮށްފައިވަނީ އަތޮޅު ކައުންސިލްތަކުގެ އުމުރު މިއަދަށް ހަމަވެ، އެ ކައުންސިލްތައް މިހާރު އުވިފައިވާ ކަމަށެވެ. އަތޮޅު ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަން ލާމާރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އަންގަވާފައިވާކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސުމުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް، ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ކަންކަން ހަމަޖެއްސުމަށްވެސް ރައީސް އަންގަވާފައިވާކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.