ހިޔާ ފުލެޓުގެ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް ނިންމައި، މާދަމާ އެ ދެ ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ހިޔާ ޓަވަރުތަކުގެ ލިފްޓުތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދިނުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފައެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ހިޔާގެ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް ނިންމައި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ދެ ޓަވަރަށް ކަރަންޓުދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެހެންކަމުން މާދަމާ އެ ދެ ޓަވަރުގައި ކަރަންޓު ނުދެވި ހުރި ފުލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ބުންޏެވެ.

ސްޓެލްކޯ އިން ބުނީ އެ ދެ ޓަވަރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ހާޒިރުވާން ޖެހޭ ގަޑި އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށާއި އެފަރާތަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާ އެކު ފުލެޓުތަކުގެ ތަޅުދަނޑި ހިފައިގެން ޓަވަރުތަކަށް ހާޒިރުވުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.

ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މި މަހުގެ 17 ވަނަ ދުވަހު ފަށާފައިވާ އިރު، ކަރަންޓު ދިނުމަށް ހަމަޖެހިފައި ވަނީ ދުވާލަކު ދެ ޓަވަރަށެވެ. އަދި މިހާތަނަށް އަށް ޓަވަރުގެ ކަރަންޓު މަސައްކަތް އެއްކޮށް ނިމިފައިވާ އިރު، ކަރަންޓުގެ މަސައްކަތް ނުނިމި ހުރީ ލިފްޓުތައް ކޮމިޝަންކޮށް ނުނިމި ހުރި އަށް ޓަވަރުގައެވެ.