ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި މިހާތަނަށް ސޮއިކުރައްވާފައި ވަނީ ވެރިކަންކުރާ ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ މައި ޕާޓީ، އެމްޑީޕީގެ 13 މެންބަރުން ކަމަށް ބައެއް މަސްދަރުތަކުން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ސޮއިކުރަން ފަށާފައިވާ އެ ޕެޓިޝަނުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ކުރަމުން އަންނައިރު ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާ ކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.
އެގޮތުން މިހާތަނަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން 13 މެންބަރަކު ސޮއިކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
- 1. ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
- 2. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
- 3. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
- 4. އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)
- 5. މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން
- 6. ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު
- 7. ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)
- 8. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
- 9. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
- 10. ވިލިފުށީ ދާއިރާގެ މެންބަރު ހުސައިން އަފީފް
- 11. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް
- 12. މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު
- 13. ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު
ސޮއި ހޯދުމުގައި އިސްކޮށް އުޅުއްވާ މަޖިލިސް މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވަން އަށް ވިދާޅުވީ، ޖުމުލަކޮށް ހުރިހާ މެންބަރުންހެން ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއިދު ކުރައްވާ ކަމަށާއި އެހެން ނަމަވެސް އެ ޕެޓިޝަނުގައި ސޮއިކޮށްފިނަމަ ދިމާވެދާނެ ފިއްތުންތަކަކާ ހުރެ ޖެހިލުންވެވަޑައިގަންނަވަނީ ކަމަށެވެ.
"ވަރަށް ގިނަ މެންބަރުން ހަމަ ދިމާލަށް ބުނެފައި އެބަހުރި ތިމަންނަމެން ބޭނުމޭ ތީގަ ސޮއިކުރަން އެކަމު ކީއްހޭ ކުރާނީ ތީގަ ސޮއިކޮށްފިޔާ ދަތިތަކެއް ކުރިމަތި ވެދާނެ އޭ. އެހެންވީމަ ސޮއި ނުކުރިޔަސް ތިމަންނަމެން ތިބޭފުޅުންނާ އެކުގައި އެބަތިބީމޭ،" އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.
އެ ޕެޓިޝަނާ ގުޅޭ ގޮތުން ރައީސް ނަޝީދު ވެސް ވަނީ ވާހަކަދައްކަވައިފައެވެ. އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ވީހާވެސް ގިނަ ބަޔަކު ޕެޓިޝަނުގައި ސޮއިކުރުމަށް އެދިވަޑައިގެންފައެވެ.
ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅަކީ އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް ނަޝީދެވެ. އެމަނިކުފާނު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް ސޯލިހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވީ ރައީސްގެ ފޯކަސްއަކީ ނިޒާމު ބަދަލުކުރެއްވުން ނޫން ކަމަށާއި އެމަނިކުފާނުގެ ފޯކަސްއަކީ އިގުތިސާދު އަލުން އާރާސްތުކޮށް ވައުދުތައް ފުއްދުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު