ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ޝަރީއަތް ފެށުމުގެ ކުރިން ދިފާއުން ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފި އެވެ.

މިއަދު ހެނދުނު ނުވައެއް ޖަހާއިރު ފެށުމަށް ތާވަލު ކުރި ނަމަވެސް ދިހައެއް ޖަހަނިކޮށް ފެށި އެ އަޑުއެހުމުގައި އިސް ގާޒީ އަހްމަދު ޝަކީލް އެންމެ ފުރަތަމަ ފުރުސަތު ދެއްވީ ޝަރީއަތް ފެށުމުގެ ކުރިން ހުރި ހުށަހެޅުންތައް ހުށަހެޅުމަށް ދައުލަތަށެވެ.

ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ހުށަހެޅުމެކެވެ. ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. އެއީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިން ސިއްރުކޮށްފައި ވާތީ އެކަން އެގޮތުގައި ދަމަހައްޓައިދިނުމަށެވެ.

ދިފާއުން ރައީސް ޔާމީންގެ ފަރާތުން ވަނީ މައިގަނޑު ހަތަރު ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ.

  • ހެކިބަަސް ދިނުމަށް ދައުލަތުން ހުށަހެޅި ގިނަ ހެކިވެރިން ބަލައި ނުގަތުމަށް
  • ކިތާބީ ހެކިތަކެއް ބަލައި ނުގަތުމަށް
  • ދައުވާ ވަކިކޮށްދިނުމަށް
  • ހެކި ހާމަކުރުމަށް

ދިފާއިން ހުށަހެޅި މައިގަނޑު ހަތަރު ހުށަހެޅުންތަކުގެ ތެރޭގައި ހިމެނޭ އެއް ހުށަހެޅުމަކީ ޝަފައީ ހެކި ގަބޫލު ނުކުރުމެވެ. އެގޮތުން ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ 15 މީހެއްގެ ހެކިބަސް ނުނެގޭނެ ކަމަށް ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވި އެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، ސަން ކުންފުނީގެ ވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ.

އެހެން ނަމަވެސް ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލު ވަނީ އެއިން އެއްވެސް މީހެއްގެ ހެކިބަސް ނުނެގެންވީ ގާނޫނީ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ކިތާބީ ހެކީގެ ގޮތުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ލިޔެކިޔުންތަކެއް ވެސް ބަލައި ނުގަތުމަށް ރައީސް ޔާމީންގެ ވަކީލު އެދިވަޑައިގަތެވެ. އަދި މައްސަލައިގައި ދައުވާ ކޮށްފައިވާ އެހެން ފަރާތްތަކާއި ވަކިން ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިއުމުގެ އިތުރުން ދައުލަތުން ސިއްރުކޮށްފައިވާ ހެކިތައް ހާމަކުރުމަށް ވެސް ދިފާއުން އެދުނެވެ.

އެ ހުރިހާ ކަމަކަށް ވެސް ދައުލަތުން ވަނީ އިންކާރުކޮށްފަ އެވެ.

ދެ ފަރާތުގެ ހުށަހެޅުންތަކަށް ޝަރީއަތުން ނިންމި ގޮތް ހާމަ ކުރުމަށް ބާއްވާ އަޑުއެހުން އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވި އެވެ.