ދިވެހި ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ، އަދި އެންމެ މޮޅު ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ކްލަބެއްގެ ހިންގުމަށް ބަލާއިރުވެސް ނަމޫނާ ކްލަބެކެވެ. ކުޅުންތެރިންނާއި ރާއްޖޭގެ ފުޓުބޯޅައިގެ އެތައް ބައެއްގެ ލޯބި ހޯދާފައިވާ ހަރުދަނާ ކްލަބެކެވެ. ރާއްޖޭގެ ޗެމްޕިއަންކަމުގެ ސިލްސިލާއަކަށް މާޒިޔާ ފައްކާވެފައި އޮތްއިރު، އެޓީމަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ އޭއެފްސީ ކަޕެވެ. އޭއެފްސީ ކަޕުގެ ކާމިޔާބީއަށް ފެންބޮވައިގެންފައި މާޒިޔާ އޮތްއިރު، އެޓީމަށް އެ މުބާރާތުން މިހާތަނަށް ކުރިމަތިވީ "ރޯލާ ކޯސްޓާ ރައިޑް"އެކެވެ. ކާމިޔާބީގެ ބޮޑެތި ދަނޑިވަޅުތަކެއް ތާރީހުގައި ހުރި ނަމަވެސް ހިތްދަތި ހަނދާންތަކެއްވެސް އެބަހުއްޓެވެ.

2013 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް މާޒިޔާ އިން އޭއެފްސީ ކަޕުގައި ވާދަކުރިއެވެ. އޭގެ ފަހުން މެދުކެނޑުމަކަށްފަހު މާޒިޔާއިން ދެން ވާދަކުރީ 2020 ވަނަ އަހަރުއެވެ. 2016 ވަނަ އަހަރާ ހަމައަށް އެންމެ އެދެވޭ ކާމިޔާބީއެއް މާޒިޔާއަށް ނުހޯދި އޮތް ނަމަވެސް ފޯމެޓަށް އައި ބަދަލާއެކު 2017 ވީ ފުރުސަތަކަށެވެ. އެހެންނަމަވެސް އެ ޗެލެންޖު ފަސޭހަ ނުވާނެކަން އޭރުވެސް މާޒިޔާއަށް އެނގެއެވެ. 2016 ވަނަ އަހަރު މުބާރާތުގެ ރަނަރަޕްކަން ހޯދި މި ސަރަހައްދުގެ ބެންގަލޫރު އެފްސީއާއެކު އެއް ގްރޫޕެއްގައި މާޒިޔާ ވާދަކުރަން ޖެހޭ ނަމަވެސް އެއްވަނައަށް މާޒިޔާ ފޯކަސް ގެއްލުވައެއް ނުލައެވެ.

ބޮޑެތި ހަރުތަކަކާއެކު މާޒިޔާއިން އޭއެފްސީ ކަޕަށް ސަރަހައްދީ ވަރުގަދަ ޓީމެއް ބިނާކޮށް، ގްރޫޕް ސްޓޭޖުން ހިތްދަތިކަން ލިބުނީ ދެ ފަހަރަށް ހަނި ގޮތަކަށް ބެންގަލޫރު އެފްސީ އަތްދަށު ވެގެންނެވެ. 1-0 އިން ދެ މެޗުންވެސް މާޒިޔާ ބެންގަލޫރު އަތްދަށު ވެފައިވާއިރު، ދެ ގްރޫޕުގައި ކުޅުނު އަނެއް ހަތަރު މެޗުގައިވެސް މާޒިޔާ ފެނުނީ މާ ބޮޑަށްވެސް ވަރުގަދަ ކޮށެވެ. އެ ހަތަރު މެޗު ފަސޭހަކަމާއެކު ނެގިވެސް މެއެވެ.

2020 ވަނަ އަހަރަށް މާޒިޔާ އޮތީ އަދި މާ ބޮޑަށްވެސް ތައްޔާރުވެފައެވެ. ގްރޫޕް ސްޓޭޖުގެ ޖާގައަކަށް ޕްލޭ އޮފް ކުޅެން ޖެހުނު ނަމަވެސް މާޒިޔާއިން ތިބީ އުންމީދުގައެވެ. ތައްޔާރުވެސް ވީ އުންމީދުގައެވެ. ޕްލޭ އޮފްގައި ބަންގާޅުގެ ޑާކާ އަބަހާނީ އާއި ބެންގަލޫރުވެސް ކަޓުވާލައި، މާޒިޔާއިން ގްރޫޕަށް އެތެރެވިއެވެ. ޓީސީ ސްޕޯޓްސް ކްލަބުވެސް އޭރު ގްރޫޕް ސްޓޭޖުގައި އޮތްއިރު، ދިވެހި ދެޓީމާއެކު އިތުރަށް ދެވަނަ ބުރުގެ ފުރުސަތު ބޮޑުވިއެވެ.

އެ ފޯމުގައި ގްރޫޕް ސްޓޭޖު ފަށައި، ޗެންނާއީ ސިޓީއާ އަވޭގައި ކުޅުނު ފުރަތަމަ މެޗު މާޒިޔާއިން އެއްވަރު ކުރިއެވެ. އެއަށްފަހު ކުޅެން އޮތް މެޗުތަކަށް ދެ ފަހަރަކަށް މާޒިޔާއިން ތައްޔާރުވި ނަމަވެސް ކޮވިޑް 19ގެ ޕެންޑަމިކް ހާލަތު ގޯސްވެ، އޭއެފްސީން މުބާރާތް ކެންސަލް ކުރިއެވެ. މިލިއަނުން މާޒިޔާއަށް ވީ ގެއްލުން އަދިވެސް ފޫ ނުބެއްދޭނެކަން ޔަގީނެވެ.

ކޮވިޑާއެކު ފުޓުބޯޅައަށް އުނދަގޫ ދުވަސްތަކެއް އައިސް، މިފަހަރުގެ ލީގުގައިވެސް ދެ ބުރު ކުޅެ ނިންމާލީއެވެ. އެ ހިސާބުން ސީޒަން ހުއްޓާލައި މާޒިޔާގެ މުޅި ޓީމު ރެސްޓްގައި އޮއްވައި ޖެހުނީ އަނެއްކާވެސް އަލުން އޭއެފްސީއަށް ތައްޔާރުވާށެވެ. ތިން މަހު ނުކުޅެ ތިބި ކުޅުންތެރިން "ރިސްޓާޓު" ކުރަން ސައުދީގައި ކޭމްޕެއް ކުރިއަށް ގެންދިޔަ ނަމަވެސް ޓީމު އޮތީ އެންމެ އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނޫންކަން މިހާތަނަށް ގްރޫޕް ޑީގައި ކުޅުނު ދެ މެޗުން ޔަގީންވެއްޖެއެވެ.

މާޒިޔާ މިދިޔަ ބުދަ ދުވަހުގެރޭ ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން ބަލިވެފަަ އެވެ. ރޭ މާޒިޔާ އިން ލީޑުނެގި ނަމަވެސް ދެ ވަނަ ހާފްގައި އޭޓީކޭ އިން ޖެހި ތިން ގޯލާ އެކު މެޗުން ބަލިވެ، މާޒިޔާ ކެޓީ އެވެ. ފަހު މެޗުގައި އަންގާރަ ދުވަހުގެރޭ ބެންގަލޫރު އަތުން މޮޅުވިޔަސް މާޒިޔާ އަށް ދެން މުބާރާތުގައި ކުރިއަށް ދެވޭނެ ގޮތެއް ނެތެވެ. އެ މެޗުން ނަތީޖާ ނެރެގެން ބެންގަލޫރަށް ވެސް ކުރިއަށް ދެވޭނެ ހުރިހާ ދޮރެއް ވަނީ ބަންދުވެފައެވެ.

ސާބިއާގެ ރިސްޓޯ ވިޑަކޮވިޗަކީ އޭއެފްސީ ކަޕަށްވެސް އާ ކޯޗެއް ނޫނެވެ. މާޒިޔާއިން އޭނާގެ ބޭނުން ހިފަން އެންމެ ބޭނުންވީ އޭއެފްސީ ކަޕުގައި ކަމަށްވާއިރު، އެ ބޭނުން ފުރިހަމައަށް ނުހިފި ޓީމުގެ އޭއެފްސީ ކަޕް ދަތުރު ނިމުންވާނީ ކޯޗާއި މުޅި ރާއްޖޭގެ ފުޓުބޯޅަ އާއިލާއަށް ވެސް މާޔޫސް ކަމަކަށެވެ. ނަތީޖާތަކަށް ކޯޗު ފުރިގަސް ޖަހާފައެއް ނުވެއެވެ. އޭނާ ޒިންމާ ނެގިއެވެ.

"އަހަންނަކީ ކޯޗު. އެހެންވީމަ އަހަރެން ޖެހޭނެ ޒިންމާ ނަގަން. ޒިންމާ އިން ރެކޭކަށް އަހަރެން ނޫޅެން. މެޗުގައި ވީގޮތް ސާފު ކުރަން އަހަރެން މެޗު އެނަލައިޒް ކުރާނަން. ފުރަތަމަ 45 މިނެޓް ވަރަށް ރަނގަޅަށް އަހަރެމެން ކުޅުނިން. ދެ ވަނަ ހާފުގައި ވީގޮތެއް އަހަންނަކަށް ނޭނގެ،" މާޔޫސްކަމުގައި އިނދެ ރިސްޓޯ ބުނެފައިވެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު މާޒިޔާ 1-0 އިން ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގައި އޭޓީކޭ މޯހަން ބަގާންއިން ވަނީ މާޒިޔާ ކޮޅަށް ތިން ގޯލް ޖަހައި 3-1 އިން މޮޅުވެފައެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިޑަކޮވިޗް ބުނީ މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ ފެނުނީ ވަރަށް އޮގަނައިޒްކޮށް ވަރަށް ރަނގަޅަށް ޑިފެންސްކޮށްގެން ކުޅުނުތަން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މާޒިޔާ އަށް ލީޑު ވެސް ނެގުނު ކަމަށެވެ. އެކަމަކު، ދެ ވަނަ ހާފަށް ނުކުމެ މާޒިޔާ އިން ކުޅުނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށާއި ކަންތައްތައް ހިނގާދިޔަ ގޮތް ދެނެގަނެވޭނީ ރަނގަޅަށް މެޗު އެނަލައިޒްކުރުމަށް ފަހު ކަމަށް ވިޑަކޮވިޗް ވަނީ ބުނެފައެވެ.

މާޒިޔާ އޮތީ ވިސްނުމަށް ބަދަލު ގެންނަ ގޮތަކަށް ނޫނެވެ. އެޓީމުން ކުރަމުން އަންނަ ފުޓުބޯޅަ މަސައްކަތަކީ ނާކާމިޔާބީތަކުން ބަލިވާނެ "ހަވާ ފަޓާސްބަރި" އުސޫލުގެ މަސައްކަތެއް ނޫންކަން އަބަދުވެސް ފެންނަމުން ދެއެވެ. ދެމެހެއްޓެނިވި އޯގަނައިޒް ސްޓްރަކްޗާއެއްގައި މާޒިޔާއިން އަދިވެސް އޭއެފްސީ ކަޕުގެ މަތީ ފަންތިއަށް މަސައްކަތް ކުރާން ތައްޔާރެވެ. ދެން އޮތް މެޗުގައި ބެންގަލޫރު ބަލިކޮށް އަންނަ ސީޒަނަށްވެސް އުންމީދުގައި ތިބުން މުހިއްމެވެ.