ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މާލެ ސިޓީ ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހުޅުމާލެ ހިމަނުއްވާފައި އޮތް ނަމަވެސް، ކައުންސިލުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް ހުރި ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ތަރައްގީގެ ޕްލޭން އެކުލަވައިލުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ގާނޫނުގައި މާލެ ސިޓީ ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހުޅުމާލެ ހިމެނުނު ނަމަވެސް، ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ މިލްކެއްގެ ގޮތުގައި ކުރީގެ ސަރުކާރުތަކުން ރަޖިސްޓަރީކޮށްދީފައިވާ ކަމަށެވެ.

"ގާނޫނުގައި ބުނާގޮތުން އިހުތިސާސްއަކީ ބިމާއި ނުވަތަ ރަށުގެ ރާޅު ޖަހާ ފަށަލައިން ފެށިގެން ވެސް 700 މީޓަރާ ހަމައަށް އޮންނަ ފަޅާއެކީގައި ކަނޑައެޅޭ އިހުތިސާސެއް. ހުޅުމާލޭގެ ދެ ފިޔަވައްސަކީ ވެސް ހިނގައިދިޔަ ހުރިހާ ކަމަކާ ގުޅިގެން އެޗްޑީސީ އުފައްދައި، އެޗްޑީސީގެ އެސެޓެއްގެ ގޮތުގައި އޭރުގައި އޮތް ސަރުކާރުތަކުން އެޗްޑީސީގެ ރަޖިސްޓަރީގައި، އެޗްޑީސީގެ މިލްކެއްގެ ގޮތުގައި ކަނޑައަޅުއްވައި ރަޖިސްޓަރީކޮށްދީފައިވާ އެޗްޑީސީގެ އަމިއްލަ ބިމެއް. އަމިއްލަ ބިމެއްގެ ގޮތުގައި އޮތް ނަމަވެސް، މި ހުރިހާ ތަނެއް ވެސް ވަދެގެން މިދަނީ އިހުތިސާސްގެ ތެރެއިން،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި ވެސް ހުރިހާ ރަށްވެހިކަމުގެ ހިދުމަތްތައް ދިނުން ގާނޫނުން ސިޓީ ކައުންސިލުގެ މައްޗަށް ލާޒިމުކުރާ ކަމަށާއި ނަމަވެސް އެކަން ކުރުމުގައި ސަރުކާރުން ފުރުސަތު ފަހިކޮށްދީފައިނުވާ ކަމަށެވެ. އަދި އެކަމަށް ހައްލު ހޯދައިދިނުމަށް މުއިއްޒު އެދިވަޑައިގެންނެވިއެވެ.

"އެއްވެސް ގާނޫނީ ހަމައެއް މި އުޑުދަށަކު ނޯންނާނެ މިކަން ކުރުމަށް ސިޓީ ކައުންސިލަށް ހުރަސް އަޅަން ޖެހޭ. އަޅުގަނޑުމެންނަށް އޮތީ ދެ ގޮތެއް، ގާނޫނު ބަދަލުކުރައްވަންވީ ނޫނީ އިހުތިސާސް ބަދަލުކުރައްވަންވީ. ކޮންމެވެސް އެއްގޮތެއް އެބަ ވާންޖެހޭ،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހާ ބައްދަލުކުރައްވައި، ހުޅުމާލެއަކީ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެއް ކަމުން ހުރިހާ ހިދުމަތެއް ދިނުމަށްޓަކައި އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާފައިވާނެ ކަމަށާއި ނަމަވެސް މިހާތަނަށް ސަރުކާރުން އެ ފުރުސަތު ތަނަވަސްކޮށްދީފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވިން އެޗްޑީސީގައި އެބަ ތިއްބޭ 500 އެއްހާ މުވައްޒަފުން މުނިސިޕަލް މަސައްކަތަށް. އެޗްޑީސީގައި އެބައޮތޭ ބަޖެޓެއް. އެހެންވީމާ އެ މުވައްޒަފުންނާއި އެ ބަޖެޓާ އެކީގައި އަޅުގަނޑުމެންނަށް ބަދަލުކޮށްދެއްވާށޭ. އަޅުގަނޑުމެން ބޭނުމޭ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންގެ ގާނޫނީ ޒިންމާ އަދާކުރަން. ވިދާޅުވި ތިމަންމަނިކުފާނުގެ ވިސްނުންފުޅަކީ ވެސް ދެއްވުމޭ. ތިން މަސް ވެގެންދިޔައީ އަޅުގަނޑުމެން ތަކުރާރުކޮށް ސިޓީންނާއި އެކި ގޮތްގޮތުން އެބަ އެދެން. އަދި އެކަމެއް ނުވޭ. އެޗްޑީސީއާ ބައްދަލުކުރެއްވިއްޖެ އެތައް ފަހަރަކު، ފިނޭންސް މިނިސްޓަރާ އަޅުގަނޑު ބައްދަލުކޮށްފިން މި މައްސަލައިގައި،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ގާނޫނުގައިވާ ގޮތުން އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެއްގައި ކުންފުންޏަކުން އަދި ސަރުކާރުގެ އިދާރާއަކުން ވެސް މަޝްރޫއުތައް ހިންގޭނީ ކައުންސިލަށް އެނގިގެން ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެޗްޑީސީން އެންގެމެއް ނެތި ހުޅުމާލޭގައި އެތައް މަޝްރޫއެއް ހިންގަމުން އަންނަ ކަމަށެވެ.