ރަހީނު ކުރުމަށްފަހު އަނިޔާވެރިގޮތަކަށް މަރާލައި ފޮއްޓަކަށްލައި މޫދަށް އެއްލާލާފައި އޮއްވައި ފެނުނު ކުޑަކުއްޖާގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓު ކިޔާލުމުން ވަރަށް ބޮޑަށް އަސަރުކުރެއްވި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ މަހުގެ 21 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށްލައި އެއްލާލާފައި އޮއްވައެވެ. އެ ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިިރިހެނެކެވެ.

މި މައްސަލައިގެ މައުލޫމާތު ދެއްވުމަށް ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމު ވިދާޅުވީ، އެ މައްސަލައިގައި ފުލުހުންގެ ތަހުގީގު ނިންމައި ފޮނުވި ރިޕޯޓު ވިދާޅުވުމުން ވަރަށް ބޮޑަށް އަސަރު ކުރި ކަމަށެވެ. އަދި ހަފުތާއެއްހާ ދުވަހު އެކަމުގައި އުޅުއްވަން ޖެހިވަޑައިގެންނެވި ކަމަށާއި އެ މައްސަލައާ ގުޅުން ހުރި ފޮޓޯތައް ބެއްލެވި ނަމަ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ނީންނެވޭނެ ކަމަށެވެ.

"މި މައްސަލައަކީ ފަސޭހަ މައްސަލައެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. ވަރަށް އެހެންކަހަލަ ގޮތަކަށް ހިނގާފަ އޮތް މައްސަލައެއް މިއީ. އެއްގޮތަކަށްވެސް މި ރާއްޖޭގައި ހިނގައިގެންވާނެ މައްސަލައެއް ނޫން މިއީ. އަޅުގަނޑު ހިތަށް އެރި އެ ރިޕޯޓު ކިޔާނުލެވުނު ނަމައޭ. އަޅުގަނޑު ދެންނެވިން ޕްރޮސެކިއުޓަރުން ގާތުވެސް ކީއްކުރަންހޭ އެ ރިޕޯޓު އަޅުގަނޑަށް ދެއްކީ. އޭރަށް އެކަމުގަ ހަފުތާއެއްހާ ދުވަހު އުޅެން ނުޖެހުނީސް. އެ ފޮޓޯތައް ބަލައި މުޅި ރިޕޯޓު އެއްކޮށް ތަފުސީލުކޮށް ކިޔާލިނަމަ މިއަދު އަޅުގަނޑަށް މިތާ ތިބޭފުޅުންނަށް މައުލޫމާތު ދޭން ނީނދެވޭނެ." ޕީޖީ ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ މި މައްސަލައިގައި ހިނގާފައި ހުރީ ގަބޫލުކުރަން ދަތި ކަންތައްތައް ކަމަށާއި ކުޑަކުދިން ބޭނުންކޮށްގެންނާއި އެ ނޫން ގޮތަކަށްވެސް ހިނގާ މިފަދަ ކަންކަމަކީ ލުއި ގޮތަކަށް ނަގާނެ މައްސަލަތަކެއް ނޫން ކަމަށެވެ.

ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް ވަނީ ގިނަ ދައުވާ ތަކެއް ކޮށްފަ އެވެ. އޭގެ ތެރެއިން ިމ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27) ގެ މައްޗަށް 13 ދައުވާއެއް ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި މި މައްސަލާގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާ އަށް ވަނީ ތިން ދައުވާއެއް ކޮށްފަ އެވެ.