ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނިސްބަތް ކުރައްވައި ދައްކަވާފައިވަނީ ހަގީގަތެއް ނެތް ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ޑިފެންސް މިނިސްޓަރަކަށް ނާޒިމް ހުންނަވަނިކޮށް ގެއިން ފިސްތޯލައެއް ފެނުނު މައްސަލައިގައި އެކަމާ އޭރުގެ ރައީސް ޔާމީނާ ގުޅުވައި ސަންގު ޓީވީގެ ޕްރޮގްރާމެއްގައި އޭނާ ދައްކަވާފައިވާ ވާހަކަ ދޮގު ކުރާ ކަމަށެވެ. އަދި އުސޫލުތައް ހަމަޖެހިފައި އޮންނަނީ ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން ގެއަށް ހަތިޔާރު ގެންދެވޭ ގޮތަކަށް ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކަކީވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

"ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ވަޒީރަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން އަމިއްލަފުޅު ބޭނުމަށް ހަތިޔާރު ގެންގުޅަމަކީ ރާއްޖޭގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތެއް ނޫން ކަމުގައި ދަންނަވަން. ހަމައެއާއެކު އެމަނިކުފާނުގެ ގެއިން ހަތިޔާރު ފެނުނު މައްސަލަ އަކީ އޭރުގެ ރައީސް ޔާމީންގެ ރޭއްވެވުމެއްގެ ދަށުން އެމަނިކުފާނަށް ވެސް އެނގިވަޑައިގެން ހިންގާފައިވާ ކަމެއް ކަމަށް ވިދާޅުވި ނަމަވެސް، އެކަން ރައީސް ޔާމީނަށް އެނގިވަޑައިގެންފައި ވަނީ އެގެއިން ހަތިޔާރު ފެނުނު ފަހުން ކަމުގައި ދަންނަވަން،" ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ ނާޒިމް، ރައީސް ޔާމީނަށް ނިސްބަތް ކުރައްވާ ދައްކަވާފައިވާ ހަގީގަތެއް ނެތް ދެކޮޅު ނުޖެހޭ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ވަޒީރުން ހަތިޔާރު ގެންގުޅުމާ ގުޅޭގޮތުން ރާއްޖޭގެ ހަމަޖެހިފައިވާ އުސޫލުތަކާ ގުޅުވައިގެން ދައްކަވާފައިވާ ވާހަކަތަކަކީވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

"ވުމާއެކު އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށް، ކަމުގެ ހަގީގަތް އެއްވެސް އޮޅުވާލުމެއް ނެތި ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ކާނަލް ނާޒިމަށް ގޮވާލަން. ސިޔާސީ ޕާޓީ އުފައްދާނީ ދޮގާއި ފަސާދަ ފަތުރައިގެން ނޫން ކަމުގައިވެސް ދަންނަވަން،" އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.

ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ ޑިފެންސް މިނިސްޓަރަކަށް ހުރި ބޭފުޅެއް ދިރިއުޅުއްވާ ގޭގެ ކަބަޑެއްގެ ތެރެއަށް ފިސްތޯލައަކާއި ގޮވާތަކެތި ލައިގެން ހުރެދާނެ ކަމަށް އެއްވެސް މީހަކު ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. އަދި އުސޫލުތައް ހުންނަނީ ޑިފެންސް މިނިސްޓަރަކަށް ހުންނަ ބޭފުޅަކު ސޮއިކޮށްގެން ހަތިޔާރު ގެންދެވޭ ގޮތަށް ކަމަށާއި އެހެންކަމުން ބާލީސް ދަށަށް ފިސްތޯލައެއް ލައިގެން އޮތުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"އެކަމަކީ ހަމަ ކަނޑައެޅިގެން އަޅުގަނޑު ފްރޭމް ކުރުމަށްޓަކައި ބަޔަކު ރާވައިގެން ހިންގި ކަމެއް. މިކަމުގައި އަޅުގަނޑު ހަމަ ދަންވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ (ޔާމީން) އާއި އޭރުގެ ޕޮލިސް ކޮމިޝަނަރާއި އޭރުގެ ޓޫރިޒަމް މިނިސްޓަރަށް އެނގިވަޑައިގެން އެބޭފުޅުންގެ ރޭވުމެއްގެ ދަށުން ކުރެވިފަ އޮތް ކަމެއް ކަމަށް އަޅުގަނޑު ހަމަ މިއަދުވެސް ޖެހެނީ،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ ގެއަށް ފުލުހުންގެ ކޮމިޝަނަރަށާއި ރައީސަށް ނޭނގި ނުވަދެވޭނެ ކަމަށެވެ. އަދި ރައީސް ޔާމީން ކިތަންމެ ވަރަކަށް އެކަން ނުކުރައްވަމޭ ވިދާޅުވިޔަސް ގަބޫލު ނުކުރައްވާނެ ކަމަށާއި އޭނާގެ ގެއިން ފެނުނު ކަމަށް ބުނާ ފިސްތޯލައަކީ ބަލައި ފާސްކުރަން އައި މީހުން އަމިއްލައަށް ހިފައިގެން އައި އެއްޗެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުރީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާއެވެ. އެ ދައުވާ ކުރީ ކާނަލް ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެއެވެ.