ޚަބަރު

ފަތުރުވެރިން ތިބޭ ތަންތަނުގެ އިންސްޕެކްޝަން ފަށައިފި

އަލީ އަފާފް ރަމީޒު

މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަން ބަލައި ޗެކްކުރުމަށް އިންސްޕެކްޝަނެއް ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދުން ފެށިގެން މާލެ އާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އިންސްޕެކްޝަނަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަނެއް ކަމަށެވެ.

މި އިންސްޕެކްޝަންގައި ކޮވިޑުގެ ހާލަތާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިން މާލެ އާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމާ ގުޅޭގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުރަމުންދޭތޯ އާއި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، އުސޫލާ ހިލާފުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފަތުރުވެރިން ތިބޭ ތަންތަނުގެ ފުލުހުން އިންސްޕެކްޝަނެއް ފަށާފައިވާ އިރު، މީހުން ދިރުއުޅޭ ބައެއް ގޭގޭގައިވެސް ޓްރާންސިޓް ބޭނުމަށް އަންނަ ފަތުރުވެރިން ބައިތިއްބާ މައްސަލަ އާއި އޮޅުވާލައިގެން ނުބައި ބުކިންއެއްގައި ރާއްޖެއަށް ފަތުރުވެރިން ގެނެސް ފަތުރުވެރިންގެ މަގުމަތިކުރުމުގެ މައްސަލަތައް މިފަހުން ވަނީ ފެންމަތިވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތ. އަތޮޅުގެ ހަތް ރަށަކަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު އޮމަދުއަށް މިއަދު ވަޑައިގެން އެރަށުގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވީ، މިދުވަސްވަރު ރާއްޖެއަށް ޓްރާންސިޓް ބޭނުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ކަމަށެވެ. އެގޮތަށް އަންނަ ފަތުރުވެރިން ރަށްރަށުގެ ގެސްޓްހައުސްތަކުގައި ވެސް އެބަތިބިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެއަށް ގިނަ ފަތުރުވެރިން އައުމަކީ ފައިދާ ހުރި ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ފަތުރުވެރީން ބައިތިއްބާ ގެސްޓްހައުސްތަކުން ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންސީތަކުންވެސް އެކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އަދި ގެސްޓްހައުސްތަކުން ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށާއި ރާއްޖެ އަންނަ ފަތުރުވެރިން އަންނަނީ ސައްހަ ބުކިންއެއްގައިތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަނެއް ފަށާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.