ޚަބަރު

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅުން ގދ. އަތޮޅަށާއި އައްޑޫއަށް

ރިފާ ހަލީލު

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، "މަވެސް ޕީޕީއެމް"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން އަތޮޅުތެރެއަށް ކުރަން ނިންމާފައިވާ ދަތުރުތަކުގެ ތެރެއިން އިދިކޮޅު ލީޑާޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން ގދ. އަތޮޅަށާއި އައްޑޫ އަތޮޅަށް މިއަދު ފުރާވަޑައިގެންފިއެވެ.

އައްޑޫ އާއި ގދ. އަތޮޅަށް މިއަދު ޕީޕީއެމްގެ ދެ ޓީމެއް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވިދާޅުވީ މި ދަތުރުތަކަކީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހާއްސަ މެސެޖުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރާ ދަތުރުތަކެއް ކަމަށެވެ.

ގައްސާން ވިދާޅުވީ 2023 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާ ހަވާލުވާ އިރު ރައްޔިތުން ބޭނުންވަނީ ކޮންކަންތައްތަކެއްތޯ މި ދަތުރުތަކުގެ ތެރެއިން ބަލާނެ ކަމަށެެވެ. އަދި މިއަދު ކުރިމަތިވެފައިވާ މާޔޫސްކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތަކީ 2023ގައި ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުން ކަމަށް ވިދާޅުވިއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ދަތުރުތަކަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރައްޔިތުން ބޭނުންވާ ކަންކަން ގާތުން ބެލުމަށް ކުރާ ދަތުރުތަކެއް ކަމަށެވެ. އަދި ދަތުރުތަކުގައި އިދިކޮޅު ކޯލިޝަނަށް މެމްބަރުން އިތުރުކުރަން މަސައްކަތްތަކެއްވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ގދ. އަށް ކުރާ ދަތުރުގައި މިފަހަރު ދިއުމަށް ހަމަޖެހިފައިވަނީ ގައްދޫ އަށާއި ފަރެސްމާތޮޑާ ދާއިރާއަށް ކަމަށެވެ. އަދި އައްޑޫއަށް ދަތުުރުކުރާ ޕީޕީއެމްގެ ޓީމުގައި ހިމެނޭ ބޭފުޅުން އެ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.