ފުލުހުންގެ ޑްރޮގަ އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ) ކުރިއަށް ގެންދާ ތަހުގީގަށް، ޕޯޗްގީޒް ބަސް ދިވެހި ބަހަށް ތަރުޖަމާ ކުރަން އެނގޭ މީހަކު ބޭނުންވާތީ އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފި އެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ޕޯޗްގީޒް ބަސްދޭހަ ކޮށްދޭން އެނގޭ ފަރާތްތަކުގެ ތެރެއިން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފުލުހުންގެ މޯބައިލް ނަންބަރު 9660126 އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ.
ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި ޑީއީޑީން ޕޯޗްގީޒް ބަސް ދަންނަ ފަރާތެއް ހޯދަނީ، މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައި ބްރެޒިލް މީހެއްގެ އަތުން 15 މިލިއަނެއްހާ ރުފިޔާގެ ކޮކެއިން ފެނުނު މައްސަލައާ ގުޅިގެންނެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދެ ދުވަސް ދިނުމަށް މުއްދަތު މަޖިލީހުގައި އިންނެވި ގާޒީ އާދަމް މުހައްމަދު ނިންމާފައި ވަނީ، ބްރެޒިލްގެ އެ އަންހެން މީހާއަށް އިނގިރޭސި ބަސް ނޭނގުމުގެ ސަބަބުން، ތަރުޖަމާނެއް ހޯދުމަށް ވަގުތު ދިނުމަށް ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.
ކޮވިޑަށް ޓެސްޓުކޮށްފައި ނުވާތީ، ކޯޓަށް ހާޒިރު ނުކޮށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި ފުލުހުން ބުނެފައި ވަނީ އަންހެން މީހާއަށް އެނގެނީ ޕޯޗްގީޒް އަދި ސްޕެނިޝް ބަސް އެކަނި ކަމަށެވެ. އަދި ފުލުހުން އޭނާއަށް ގާނޫނީ އިންޒާރު ދީފައިވަނީ ގޫގުލް ޓްރާންސްލޭޓާ ބޭނުން ކޮށްގެން ކަމަށްވެސް ބުންޏެވެ.
މުއްދަތު މަޖިލިސްވެސް ގޫގުލް ޓްރާންސްލޭޓާ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިޔަ ޝަރީއަތަކަށް ވުމުން، އެކަމަށް ދަތިތަކެއް ކުރިމަތިވާ ކަން ފުލުހުން ފާހަގަކުރި އެވެ.
އެހެންކަމުން އޭނާ ހައްޔަރުކުރިތާ 24 ގަޑިއިރު ހަމަވާން ކައިރިވުމުން ތަރުޖަމާނެއްގެ ޣައިރު ހާޒިރުގައި މުއްދަތު މަޖިލިސް ކުރިއަށް ގެންގޮސް ބަންދަށް ދެ ދުވަސް އިތުރުކޮށްދިނުމަށް ގާޒީ ވަނީ ނިންމައިފަ އެވެ.
އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުމަކަށް ތަރުޖަމާނަކު ގެނައުމަށް މަސައްކަތް ކުރުމަށް ގާޒީ ވަނީ ފުލުހުންނަށް އަންގައިފައެވެ.
ބަރުދަނުގައި 3.1 ކިލޯ ހުރި އެ ތަކެތި ޓެސްޓު ކުރުމުން ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާއިރު އެ ތަކެތީގެ މަގުމަތީ އަގު 15،985،000 ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު