ޓުއަރިޒަމް

"ކޮވިޑް ސޭފް ކަރުދާސްކޮޅު"ގެ ބޭނުމުގައި އަންނަ ފަތުރުވެރީން ގަނަތަޅުވަނީ، ގޭގޭގައި ވެސް ފަތުރުވެެރީން؟

މިއީ ރާއްޖޭގެ ޓޫރިޒަމް އާންމު ގޮތެއްގައި އެންމެ ދަށް ދުވަސްވަރެވެ. އޮފް ސީސަންގެ ވެސް އެންމެ ދަށް ދުވަސްވަރެވެ. އެހެން ނަމަވެސް މި ފަހަރުގެ އޮފ ސީސަން ވެފައި މި އޮތީ "ގެރެންޓީ" އާމްދަނީއެއް ލިބޭ ދުވަސްވަރަކަށެވެ. އޮފް ސީސަން މި އޮތީ "ކަރަންޓީނު ޓޫރިޒަމް" ގެ ސީސަނަކަށް ބަދަލުވެފަ އެވެ.

ކަރަންޓީނު ޓޫރިޒަމްގެ މާނައަކީ ކޮންމެވެސް ސަބަބަކާ ހެދި ތަނަކަށް ދާން ޖެހޭ މީހުން، އެ މީހުން އެދާން ޖެހޭ މަންޒިލަށް އެތެރެވުމުގެ ކުރީން ފުރިހަމަ ކުރާން ޖެހޭ ކަރަންޓީނުގެ މުއްދަތަށް ޓޫރިސްޓުންގެ ގޮތުގައި އެހެން ތަނެއްގައި މަޑު ކުރާ ކުރުމެވެ.

މި ދުވަސްވަރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން ވަރަށް ގިނަ ބަޔަކީ މި ގޮތަށް އަންނަ މީހުންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކީ މެދުއިރުމަތީގެ ގައުމުތަކަށް ވަޒީފާއަށް ދިއުމުގެ މަގުމަތީގައި ރާއްޖޭގައި ކަރަންޓީނު މުއްދަތު ފުރިހަމަ ކުރާ މީހުންނެވެ. މި މީހުން ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރާ އިރު، އާންމު ގޮތެއްގައި ކޮޓަރި ނަގާނީ 15 ދުވަހަށެވެ. އެއީ 14 ދުވަސް ފުރިހަމަ ކޮށް ޓެސްޓު ހަދާ ދުވަސް ހިމަނައިގެންނެވެ.

ކަރަންޓީނު ޓޫރިޒަމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ހަރުކަށި އުސޫލު ތަކަކާ އެކު ހުއްދަ ކުރާ ފަތުރުވެރިކަމެކެވެ. ރާއްޖޭގައި ވެސް މި ފަތުރުވެރިކަން ހުއްދަކޮށްފައި ވަނީ ދިގު ބަހުސް ތަކަކަށް ފަހު ގިނަ ޝަރުތު ތަކަކާ އެކުގަ އެވެ. އެ ގޮތުން ވެކްސިން އާ ގުޅޭ ޝަރުތު ތަކާއި ޕީސީއާރް ހަދަން ޖެހުމާއި ރަށްރަށަށް ދަތުރު ކުރުމުގައި ވެސް އާންމު އުސޫލާ ތަފާތު ކަންތައްތަކެއް މި ކެޓެގަރީއަށް ވަނީ ލައިފަ އެވެ. ސީދާ ވަކި ކެޓަގަރީއެއް މި ފަދަ ފަތުރުވެރީންނަށް ނެތް ނަމަވެސް، ގަވައިދުތައް ހަދަނީ ނުސީދާ ގޮތެއްގައި ކަރަންޓީނު ޓޫރިޒަމަށް އަމާޒު ކޮށްގެންނެވެ.

އެހެން ނަމަވެސް ސުވާލަކީ ކަން ހިނގަނީ މިހެންތޯ އެވެ؟ ނޫނެކެވެ. ކޮވިޑު ހަމަޔަކަށް އެޅި، އިގްތިސޯދު ހިންދެމިލުމަށާއި ވިޔަފާރި ތަކަށް ދިރުން ގެނައުމަށް ހުޅުވައިދިން މި ފުރުސަތުގެ ބޭނުން އެއްބަޔަކު ހިފަމުން ދަނީ މުޅީން ގޯސް ކޮށެވެ. ކޮވިޑުގައި އެހެން ގައުމުތައް އޮތް ހާލަތުގެ ފައިދާ ނަގައިގެން ކުރިޔަށް ޖެހިލަން ލިބުނު މި ފުރުސަތުގެ ބޭނުންވެސް ކޮވިޑުގެ ހުޅުގަނޑު ގަދަވާނެ ގޮތަށް ހިފާ ބަޔަކު އެބަ އުޅެއެވެ. މި ހުއްދައިގެ ނަހަމަ ބޭނުން ހިފައި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާ ބަޔަކުވެސް އެބަ އުޅެއެވެ. ބޮޑެތި އަދަދުތަކުން ފަތުރުވެރީން ގެނެސް މަގުމަތި ކުރާ ބަޔަކުވެސް އެބަ އުޅެއެވެ.

ކަރަންޓީނު ޓޫރިޒަމްގެ މީހުން އަންނަނީ ބޮޑެތި ގުރޫޕު ތަކަށެވެ. އިންޑިއާ އަކީ ދުނިޔޭގައި އާބާދީ ވެސް އެންމެ ބޮޑު ގައުމަށް ވެފައި މެދުއިރުމަތީގައި ވެސް އެންމެ ގިނައިން ވަޒީފާ އަދާކުރަނީ އިންޑިއާ މީހުން ކަމަށް ވުމުން، ކަރަންޓީނު ޓޫރިސްޓުންގެ ގޮތުގައި ވެސް އެންމެ ގިނަ ބަޔަކު ރާއްޖެއަށް އަންނަނީ އެ ގައުމުންނެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. މައްސަލައަކަށް ވަނީ އެ މީހުން ރާއްޖެ ގެނެސް އެމީހުންނާ މެދު އަހަރެމެން އަމަލު ކުރާ ގޮތެވެ. އޮޅުވައިލުމެވެ. ގަވައިދާ ހިލާފަށް ގެންގުޅުމެވެ. މުޅި ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވައިޓައިލުމެވެ. ދެން އެންމެ ފަހުން ކޮންމެ ބަޔަކުވެސް އެހެން ބަޔަކު ގޯސް ކުރުމެވެ.

"އެންމެ ފަހުން އަހަރެން ދިރިއުޅޭ އެޕާޓްމެންޓް ކައިރިއަށް ގޮސް ސައިކަލު ހުއްޓާލު އިރު އެތާ މަގުމަތީ 40 ވަރަކަށް މީހުން ތިބި، އެ މީހުން ތިބީ ގޮދަޑިތަކެއް ހިފައިގެން. އެތާ ތިރީގަ ހުންނަ ގުދަނެއް ކަހަލަ ތަނަކަށް ވަންނާން ރެޑީ ވެގެން ތިބީ. އެއީ އަދި ނުވެސް ނިމޭ ތަނެއް. ވެގެން އުޅޭ ގޮތް ސާފުކޮށްލީމަ މީހަކު ބުނި އެއީ ކަރަންޓީނު ފަތުރުވެރީންނޭ. ހަގީގަތެއް ނޭނގެ." ރާއްޖޭގެ ނަން މަޝްހޫރު ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ފަތުރުވެރީންނަށް އޮޅުވާލާ މައްސަލަ ބޮޑުވެ އެކަން ވަނީ ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށްވެސް އައިސްފަ އެވެ. ހާލުގައި ޖެހިގެން، ވަންނާނޭ ތަނެއް ނެތިގެން، ފަތުރުވެރީން އަނބުރާ ގައުމަށް ފޮނުވާލަން ޖެހުމަކީ ރާއްޖޭގެ ރީތި މޫނުމަތީގައި ޖެހޭނެ ހަޑި ހުތުރު ލައްގަނޑެކެވެ. ސީރިއަސް މައްސަލަ އެކެވެ.

އެތައް ހާސް ކަރަންޓީނު ޓޫރިސްޓުން މިދުވަސްވަރު ރާއްޖެ އަންނަ އިރު، އެމީހުން އައިސް ތިބެނީ ކޮން ތަނެއްގައިތޯ، އެއީ ހުއްދަ ތަނެއްތޯ ކަމާ ބެހޭ ފަރާތްތަކުން ވެސް ޔަގީން ކުރާން ޖެހެ އެވެ. އަދި ވަކީން ހާއްސަކޮށް، މާލީ ބޮޑު ފައިދާގަނޑެއްގެ ދަހިވެތިކަމުގައި ނުގަވައިދުން ފަތުރުވެރީން ގެންގުޅޭ ނަމަ އެއީ ގައުމަށް ވެސް ވެވޭ ގައްދާރުވުމެއް ކަމުގައި ނޫނީ ބެލެވޭނެ ހަމައެއް ނެތެވެ.

އެހެން ނަމަވެސް، މިއަދުގެ ހަގީގަތް އޮތީ ހިތިކޮށެވެ. ގްރޭޓާ މާލޭ ސަރަހައްދަށް ބަލާ އިރު، ގިނަ އަދަދެއްގެ ފަތުރުވެރީން "ވަގަށް" ގެންގުޅޭ ކަމުގެ އަޑުތައް ގަދަ އެވެ. މީހުންގެ ގޭގޭގައި ކޮޓަރިތައް ހުސްކޮށްގެންނާއި އެޕާޓްމެންޓް ތަކުގަ އާއި ހުސްކޮށް ހުންނަ ތަންތަންކޮޅަށް ވެސް ފަތުރުވެރީން ވައްދާ ވާހަކަ މި އޮތީ މަޝްހޫރު ވެފަ އެވެ. މި ގޮތަށް މުއާމަލާތް ކުރަނީ ކަރަންޓީނު ޓޫރިސްޓުންނާ މެދުގަ އެވެ. ބޭރު އެޖެންޓާއި ދިވެހި އެޖެންޓު ގުޅިގެންނެވެ. ހާލަތުގެ ނާޒުކުކަން އަންނަ ފަތުރުވެރިޔާއާ ވެސް ބައެއް ފަހަރަށް ހިއްސާ ކުރެ އެވެ. އެކަމަކު ދެ އަހަރު ދުވަހު ވަޒީފާ ގެއްލި ހާލުގައި ޖެހިފައި ހުންނަ މީހާއަށް، ވަޒީފާގެ މާހައުލާ ހަމައަށް ސަލާމަތުން ދެވޭނެ ކަމުގެ ގެރެންޓީ ލިބޭ "ކޮވިޑްސޭވް ކަރުދާސްކޮޅު" ހޯދުމަށް ޓަކައި މި ހުރިހާ ގަނައެއްވެސް ތެޅޭން މަޖުބޫރު ވަނީ އެވެ.

"މިހާރު ކަންކަން މިއޮތީ ބޮއްސުން ލާފަ. ކޮންމެވެސް ބަޔަކު މިކަން ވަރަށް ސީރިއަސްކޮށް ބަލާން އެބަ ޖެހޭ. މިކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ނަން ހަރާބު ވުމުގެ އިތުރުން ކޮވިޑުގެ ހާލަތުވެސް ގޯހުން ގޯހަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑު. ބައެއް ހޮޓާތަކުގަ ކޮތަރިއަކަށް ދިހަ ބާރަ މީހުން ވެސް އެބަ އަޅާ. ވަރަށް ދެރަ. ހުރިހާ ތަނެއް މި އޮތީ ފުރި ބަންޑުންވެފަ. މިހާރު ރަށު ތެރެއިންވެސް ތަންކޮޅެއް ލިބިއްޖެއްޔާ އެތަނަކަށްވެސް ވައްދަނީ. ފަތުރުވެރީންވެސް މި ތިބީ ގޮތް ހުސްވެފަ. މީހުން އަންނަނީ ފަންސާހުން ސަތޭކައިން ބޮޑެތި ގުރޫޕުތައް." ހުޅުމާލޭގައި ހިންގާ ގެސްޓުހައުސްއެއްގެ އޯނަރަކު ބުންޏެވެ.

އޭނާ އިތުރަށް ބުނީ މިކަން އޮތީ ހަމައެކަނި ގްރޭޓާ މާލޭ ސަރަހައްދުގައި ނޫން ކަމަށާއި މިހާރު އަތޮޅު ތަކަށް ވެސް ފެތުރިއްޖެ ކަމަށެވެ. އެ ގޮތުން އަތޮޅުތަކުގެ ރަށްރަށުގައި ހިންގާ ގެސްޓުހައުސް ތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ކަރަންޓީނު ފަތުރުވެރީން ނުގަވައިދުން ގެންގުޅެމުން ދާ ކަމަށް ފާހަގަ ކުރި އެވެ.

ކަރަންޓީނު ޓޫރިޒަމް ވެސް ހިންގަންވީ އެވެ. ހިންގާން ޖެހެ އެވެ. އެކަމުގައި މައްސަލައެއް ނެތެވެ. ގައުމުގެ އިގްތިސޯދު ހަމަ މަގަށް އެޅުވުމަށް ޓަކައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އެ އަންނަނީ ކުރެވޭން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ. އެހެން ނަމަވެސް ކަންކަން ކޮށް ލުއިތައް ދެވެނީ އެ ގައުމެއްގައި ކޮވިޑުގެ ހާލަތާއި ވެކްސިން ޖެހޭ ނިސްބަތް އޮންނަ ގޮތަކުންނެވެ. އެކަންކަން ކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިންގަނޑުތަކެއްް ކަނޑައަޅާފައި އެބަ ހުއްޓެވެ. ރާއްޖޭގައި މި ލުއިތައް ދީ، ގައުމު ހުޅުވައިލެވި، ފަހި ޓޫރިޒަމަކަށް ފުރުސަތު މި ދެވެނީ ކޮވިޑުން ރައްކާތެރި ވުމުގައި ހޯދިފައި އޮތް ކާމިޔާބެއްގެ ސަބަބުންނެވެ. އެހެން ނަމަވެސް، ހަމަ އެކަނި މާއްދީ ފައިދާގެ ބޭނުމުގައި، މި ފުރުސަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ނަމަ، ދެން ލިބޭ ގެއްލުން މާބޮޑު ވެދާނެ އެވެ. މުހިންމީ ކަނޑައަޅާފައިވާ ގައިޑްލައިންގެ ތެރޭގައި ގަވައިދުން ކަންކަން ކުރުމެވެ. ކަރަންޓީނު ޓޫރިޒަމްވެސް މި ގަވައިދުތަކުގެ ތެރެއިން، ރައްކާތެރިކަމާ އެކު ކުރިޔަށް ގެންދިއުމުން ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑު ވާނެ އެވެ. ދިގު ދެމިގެން ދާ ފައިދާއަކަށް ވާނެ އެވެ. މި ދާއިރާގެ ހުރިހާ ފަރާތްތަކުން ވެސް މި ފަދަ ހެޔޮ ވިސްނުން ކުރިޔަށް ނެރޭނެ ޖެހެ އެވެ. މިހާރުވެސް ގައުމުގައި ބިރުވެރިކަމުގެ ރަނގަބީލު އަޅާން ފަށައިފި އެވެ.