ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަން އުޅޭ ކަމުގެ ދޮގު ހަބަރުތައް ފަތުރާތީ އެކަމަށް ޖަވާބުދާރީ ވެއްޖެއެވެ.
އުމުރުން 36 އަހަރުގެ ފޯވަޑް ރޮނާލްޑޯ، ޔުވެންޓަސް ދޫކޮށް ރެއާލް މެޑްރިޑު ނޫނީ ޕީއެސްޖީއަށް ދާން މަސައްކަތް ކުރާ ކަމަށް ނޫސްތަކުގައި ހަބަރު ފެތުރިފައިވާއިރު، ރެއާލްއަށް އަނބުރާ ދާން ނޫޅޭ ކަމަށް ރެއާލް ކޯޗު ކާލޯ އެންސެލޯޓީވެސް މިއަދު ވަނީ ބުނެފައެވެ. ޔުވެންޓަސްއާއެކު ވެފައިވާ އެއްބަސްވުމުގައި ބާކީ 10 މަސް އޮތްއިރު، އޭނާ އެ ކްލަބު ދޫކޮށްލާނެ ކަމަށް ބަޔަކު ހަބަރުތައް ފަތުރަނީ އިހުތިރާމު ކުޑަކުރުމަށް ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.
"އަހަރެންގެ ފޯކަސް ހުރީ މިހާރު ޔުވެންޓަސްއާއެކު ކުރަމުންދާ މަސައްކަތަށް. އަހަރެންގެ ނަން ބޭނުންކޮށްގެން ފާޑުފާޑުގެ ވާހަކަ ދެއްކުމަކީ ބަލައިގަންނާނެ ކަމެއް ނޫން. އެއީ އިހުތިރާމް ކުޑަކުރުން. އަހަރެން ގަބޫލުކުރަނީ ވާހަކަ މަދުކޮށް އަމަލުތައް ގިނަކުރުމަށް. އެއީ އަހަރެން ކެރިއަރުގެ މޮޓޯ. އެގޮތަށް ހުންނަ ނަމަވެސް ބައެއް ފަހަރު ޖެހޭ އަމިއްލަ ސްޓޭންޑު ދިފާއުކުރަން. ލިޔެފައިވާ ލިޔުންތަކަށް ބަލައި، މިކަން ސާފުކޮށްދޭން ބޭނުންވޭ. އަހަރެންގެ ޓްރާންސްފާއާ ގުޅިގެން ދައްކަނީ ދޮގު ވާހަކަތައް،" ތަފާތު ފޮޓޯއަކާއެކު ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ރޮނާލްޑޯ ބުނެފައިވެއެވެ.
ސްޕެއިންގެ ބައެއް ނޫސްތަކުން ރޮނާލްޑޯ ޔުވެންޓަސް ދޫކޮށް އަލުން ރެއާލްއަށް ބަދަލުވާން އުޅޭ ކަމަށް ވާހަކަތައް ދައްކާފައިވާއިރު، އެ ހަބަރުތަކުގައި ރޮނާލްޑޯ ގެންދާނެ ކަމަށް ލަފާކުރެވޭ އަގަކީ 97.8 މިލިއަން ޕައުންޑު ކަމަށްވެސް ބުނެފައިވެއެވެ. އެ ހުރިހާ ކަމެއް ރޮނާލްޑޯ ވަނީ ދޮގު ކޮށްފައެވެ.
ރޮނާލްޑޯ 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ރެއާލްއާ ގުޅި، އެ ކްލަބަށް ކުޅެދިން 438 މެޗުން 450 ގޯލް ޖެހިއެވެ. ރެއާލްގައި ހޭދަކުރި ނުވަ ސީޒަންގެ ތެރެއިން ހަތަރު ސީޒަންގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާއިރު، މިހާރުގެ ކޯޗު އެންސެލޯޓީގެ ކޯޗުކަމުގައިވެސް ރޮނާލްޑޯ ޗެމްޕިއަންސް ލީގު ހޯދާފައިވެއެވެ.
އޭގެ ފަހުން ޔުވެންޓަސްއަށް ގޮސް ރޮނާލްޑޯ އިޓަލީ ލީގު ކާމިޔާބު ކުރި ނަމަވެސް، އެ ކްލަބާއެކު އަދި ޗެމްޕިއަންސް ލީގު ހޯދިފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު