ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ގައުމީ ޓީމުގެ ކެއާ ޓޭކާ ކޯޗެއްގެ ގޮތުގައި އަލީ ސުޒޭން ހަމަޖައްސައިފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއުލާން ކުރައްވާފައިވާ ގޮތުގައި ގައުމީ ޓީމުގެ ކޯޗަކަށް ސުޒޭންއާއެކު އެސިސްޓެންޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ އިސްމާއީލް މަހުފޫޒް (އިންމަ) އާއި ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) އެވެ. އޭގެ ތެރެއިން އިންމައަކީ ގޯލްކީޕަރު ކޯޗެއްވެސް މެއެވެ.

އޭގެ އިތުރުން ރާއްޖޭގެ ކޯޗިން ޓީމުގައި ހިމެނެނީ ގޯލްކީޕަރު ކޯޗު އަސްލަމް އަބްދުލްރަހީމާއި ޓީމު ޑޮކްޓަރު އަބްދުﷲ ރާފިއުއެވެ.

ސުޒޭން ކޯޗިން ކެރިއަރު ފެށީ 2000ގެ އަހަރުތަކުގެ ކުރީކޮޅު ވިކްޓަރީންނެވެ. މިއަދު ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން ވަނީ ވިކްޓަރީއާ އެކު ދިވެހި ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕުގައި 2005 ވަނަ އަހަރު ވާދަކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމު ވެސް ފުރި ސުޒޭން 2012 ވަނަ އަހަރަށް ފަހު ވިކްޓަރީން ވަކިވެ އެފްއޭއެމުގައި ވެސް މަސައްކަތްކުރިއެވެ. ސުޒޭން ވަނީ މާޒިޔާ އަށް 2016 ވަނަ އަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގާއި ޗެރިޓީ ޝީލްޑުގެ އިތުރުން 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފައެވެ. ސުޒޭން އެންމެފަހުން ހުރީ ގައުމީ 23 އަހަރުން ދަށު ޓީމުގެ ކޯޗު ކަމުގައެވެ.

ސާފް ޗެމްޕިއަންޝިޕު ދިފާއުކުރަން ނުކުންނަ ރާއްޖޭގެ ޓީމަށް ވަގުތު ކުޑަތަންވެ، މުބާރާތަށް ތަމްރީނުތައް ހެދުމަށް ކޯޗިން ޓީމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ދިޔައިރު، ޕީއެސްއެމްގެ "އެކްސްކްލޫސިވް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ މުޅި ކޯޗިން ޓީމުންވެސް ދިވެހި ކޯޗުން ފެނުމުގެ ފުރުސަތު އޮތް ކަމަށެވެ.

"ސާފް ޗެމްޕިއަންޝިޕަށް ދާއިރުގައި ފަހަރުގައި ހުސް ދިވެހީން މުޅި ޓީމުގައި ތިބުމަކީ އެކަށީގެންވާ ކަމެއް. ރާއްޖޭގެ މުޅި ޓީމު ހުސް ދިވެހީން ތަމްސީލުކުރާ ޓީމަކަށް ވެގެންދިއުމަކީ އެކަށީގެންވާ ކަމެއް،" ބައްސާމް ވިދާޅުވިއެވެ.

ދިވެހި ކޯޗުންނަށް ބަލާއިރު ގައުމީ ޓީމު ލީޑުކުރެވޭނެ ފެންވަރުގެ ކޯޗުން އެބަތިބި ކަމަށް ބައްސާމް ވަނީ ފާހަަގަކުރައްވައިފައެވެ. ކޫޕްމަން ގައުމީ ޓީމުގައި މަސައްކަތްކުރިއިރު އޭނާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭންއެވެ.